ހދ. ކުނބުރުދޫގައި ލުއި ޖަލެއް އެޅުމަށް ހޯމް މިނިސްޓްރީން ނިންމީ އެ ރަށުގައި ހަރަދުކުޑަކޮށް ފަސޭހައިން ޖަލެއް އެޅޭނެތީ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ތަޒްމީލް އަބުދުއްސަމަދު ވިދާޅުވީ ކުނބުރުދޫ އަކީ ކުރިން މީހުން އުޅިފައިވާ ރަށަކަށްވާތީވެ އެ ރަށުގައި މީހުން ދިރިއުޅުނު ގެތަށް ހުރުމުން އެ ގެތަށް ކުޑަ މަރާމާތުތަކެއް ގެނެސްގެން މީހުންނަށް އުޅެވޭވަރު ވާނެކަމުގަ އެވެ.
ކުނބުރުދޫގައި އަޅަން ހަމަޖެހިފައި ވަނީ ލުއި ޖަލެއް ކަމަށާއި އެއީ ޖަލަކަށް ވުރެ ބޮޑަށް އަރުވާލެވޭ ރަށެއްގެ ގޮތުގައި ހަމަޖެއްސޭނެ ރަށެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އަދި އެ ރަށުގައި ކުށްވެރިން ތިބޭނީ ބަންދުކޮށްފައިނޫން ކަމަށާއި އެމީހުންނަށް އާމްދަނީ ހޯދުމަށް ދަނޑުވެރިކަމާއި އަތްތެރި މަސައްކަތްތައް ކުރެވޭނެ ގޮތް އެ ރަށުގައި ހަދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ކުނބުރުދޫ ޖަލަކަށް ބަދަލުކުރާއިރު މިސްކިތާއި ނަރުދަމާ ގާއިމުކުރާނެ ކަމަށާއި އެ ރަށުން ބޭރަށް ކުށްވެރިންނަށް ނުދެވޭނެ ކަމަށާއި އަދި ޑީޕީއާރުއެސްގެ ސެކިއުރެޓީ އެ ރަށުގައި އޮންނާނެ ކަމަށް ތަޒްމީލް މައުލޫމާތު ދިނެވެ.
ކުނބުރުދޫ ޖަލުގެ ޕްރޮޕޯސަލް ތައްޔާރުކޮށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުނބުރުދޫ ޖަލަކަށް ހެދުމަށް ކަނޑައަޅައިފައިވަނީ ހޯމް މިނިސްޓްރީން ކަމަށާއި އެކަން ރަސްމީކޮށް ކަނޑައަޅުއްވާނީ ރައީސް ޔާމިން ކަމަށް ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވި އެވެ. އަދި އެ ޖަލު ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުނބުރުދޫ ޖަލަކަށް ހެދުމަށް ނިންމެވިއިރު ހދ. އަތޮޅު ކައުންސިލާއި މަޝްވަރާނުކުރެއްވި ސަބަބާއި ބެހޭގޮތުން ތަޒްމީލް ވިދާޅުވީ އެ މަޝްރޫއަކީ އަދި ރަސްމީކޮށް ކަނޑައެޅިފައިވާކަމެއް ނޫން ކަމަށާއި އެއީ މިނިސްޓްރީ ޖަލެއް އެޅުމަށް ހޮވި ރަށެއް ކަމަށެވެ. އެކަން ރަސްމީކޮށް ކަނޑައެޅުއްވުމުން ކައުންސިލުތަކާވެސް މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނބުރުދޫއަކީ ސުނާމީއަށް ފަހު މީހުން ބާލާފައިވާ ރަށެކެވެ. އެ ރަށުގެ މީހުން ބަދަލުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށެވެ.
ހދ. އަތޮޅު ނޭކުރެންދޫގައި އަޅަން ހަމަޖެހިފައިވާ ޖަލާއި ބެހޭގޮތުން ތަޒްމީލް ވިދާޅުވީ އެ ރަށުގައިވެސް ޖަލެއް އަޅާނެކަމަށެވެ. އެއީ ވެސް ލިސްޓުގައިވާ ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިވަގުތު އިސްކަމެއް ދެނީ ކުނބުރުދޫ ޖަލަށް ކަމަށާއި އެއީ ކުނބުރުދޫ އަކީ މީހުން ނޫޅޭ ރަށަކަށްވެފައި އެ ޖަލު އަވަހަށް ނިންމާލެވޭނެތީކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޭކުރެންދޫގައި ޖަލު އެޅުމަށްވެސް 2015 ގެ ބަޖެޓުގައިވެސް ހިމަނާނެކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ނޭކުރެންދޫގައި 300 މީހުންގެ ޖާގައިގެ ޖަލު ހެދުމަށް ނިންމިތާ 3 އަހަރު ދުވަސް ވީއިރު އެއްވެސް އަމަލީ މަސައްކަތެއް ފެނިފައެއް ނުވެ އެވެ.
ނޭކުރަންދޫ ޖަލު އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ.