ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ބާރުގެ ދަށުގައިވާ ބިންތަކާއި ފަޅުރަށްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި އެވެ.
މި ބިލުގައިވާ ގޮތުން މިހާރު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ބިމެއް ސަރުކާރުގެ ބިމާ ބެހޭ ވުޒާރާ ނުވަތަ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވޭނެ އެވެ. އަދި އެއްވެސް ކައުންސިލަކަށް އެއްވެސް ބިމެއް ކުއްޔަށްދީ ނުވަތަ ވިއްކައި ހެދުމުގެ އެއްވެސް ބާރެއްނޯންނާނެ ކަމަށް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހު “އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު”އަށް ހުށަހެޅުއްވި ސަބަބާ ބެހޭ ގޮތުން މި ބިލް ހުށައެޅި މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ ދެ މުއައްސަސާއަކަށް ބިމުގެ މިލްކުވެރިކަން އޮތުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރާ ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ބިންތައް އޮންނަން ވާނީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ސަރުކަރަށް ފެންނާތީ ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.
މި ބިލުގައިވާ ގޮތުން އެގޮތުން ރަށެއްގައިވާ ބިމެއްގައި އެއްވެސް ފަރާތަކުން އިންވެސްޓެއް ކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ބިމާއި ބެހޭ ވުޒާރާ މެދުވެރިކޮންނެވެ. ކައުންސިލްތަކަށް ހަމައެކަނި ލިބިފައިވާ ބާރަކީ އެކަމާ ގުޅޭގޮތުން ބިމާ ބެހޭ ވުޒާރާއަށް މަޝްވަރާ އާއި ލަފާ ދިނުންކަމަށްވާއިރު މި ބިލުގެ ސަބަބުން ކައުންސިލްތަކާއި ހައުންސިން މިނިސްޓްރީއާ ދެމެދުގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހަލެއް ލިބިގެންދާނެ ކަމަށް މި ބިލް ހުށައެޅުއްވި މެންބަރު ރިޔާޒް ވިދާޅުވެފައިވެ އެވެ.
މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން އިގްތިސާދީ ނުވަތަ އިޖްތިމާއި ބޭނުންތަކަށް ކައުންސިލްތަކުން ކުއްޔަށްދީފައިވާ ބިންބިމާއި ފަޅުރަށްތައް ބިމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެވޭނެ ކަމަށް މި އިސްލާހުގައިވެ އެވެ.