ސިޓިޒަން ސަރވިސް ސެންޓަރު ހެދުމަށް އަތޮޅުގެ މާލިއްޔާއިން ވަނީ 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި
ކުޅުދުއްފުށީގައި ޕާސްޕޯޓް ހަދައިދީ ކުޅުދުއްފުށިން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ކުޅުދުއްފުށިން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
މިކަމަށްޓަކައި ކުރީގެ ގައުމީ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ކޮންމެ އަންގާރަ ދުވަހެއް ފިޔަވާ ރަސްމީ ކޮންމެ ދުވަހަކު ޕާސްޓް ޕޯޓު އެޕްލިކޭޝަންތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށައަޅާތާ 3 ދުވަސް ތެރޭގައި އެފަރާތަކަށް ޕާސްޕޯޓް ލިބޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މާލެއިން ލިބޭ ހިތުމަތްތައް އަތޮޅުތަކާ ހިސާބަށް ގެނެސްދިނުން ކަމަށާއި އީދު ބަންދު ނިމުމުން ވޯކް ޕާމިޓް ހަދައިދިނުމާއި ވިސާ ޖަހައިދިނުމުގެ ހިދުމަތް ކުޅުދުއްފުށީ އިމިގްރޭޝަންއިން ފަށާނެކަމަށެވެ.
ނާޒިމް ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތު ވީކަމުގައިވީނަމަވެސް އަތޮޅުގެ ތަރައްގީއަށާއި ރަށުގެ ތަރައްގީއަށް ކުޅުދުއްފުށީ ކައުންސިލުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށެވެ.
މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތް ހދ އަތޮޅަށް ގެނައުމަށްޓަކާ މީގެ ކުރިން އިމިގްރޭޝަނުގެ ކޮންޓުރޯލާ ހަސަން އަލީ އާ ބައްދަލުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ކައުންސިލުގެ އަޑުއައްސަވާ އެކަންތައް މިއަދު ފުރިހަމަ ކޮށްދެއްވީތީ ކޮންޓްރޯލާ އޮފް އިމިގްރޭޭޝަންއަށް ޝުކުރު ދެންނެވި އެވެ.
ހދ.އަތޮޅުގެ މާލިއްޔާއިން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމިގްރޭޝަންގެ ސިޓިޒަން ސާރވިސް އޮފީހެއް ކުޅުދުއްފުށީގައި މިހުޅުވީ ވަރަށް ފޮނި އުއްމީދާއެކު ކަމަށް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިއަދު ގާއިމްކުރި މިއޮފީސް ހުންނަނީ ކުރީގެ ގައުމީ އިދާރާ ހިންގި އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.
މިރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ އާއި އެއިދާރާގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީގެ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންވަނީ ބައިވެރިވެފަ އެވެ.