twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭނެ: ރައީސް ޔާމީން

Jul 26, 2014

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެތަނުގެ ހިންގުން ހަރުދަނާކުރަން ސަރުކާރުންވަނީ ނިންމައިފައި ކަމަށް ރައީސުލް ޖުމްހޫރިޔާ އަބުދުއްﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ދިވެހި ގައުމާ މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.

މި ގެނެވޭ ބަދަލާއެކު ބަނދަރުގެ ހިންގުން ހަރުދާނާވެ ބަނދަރުން ދެވޭ ހިދްމަތް އިތުރަށް ފުޅާކޮށް، ކުޅުދުއްފުއްޓަށް އިގްތިސޯދީ އާރޯކަމެއް ފެނިގެންދާނެކަމާ މެދު ޝައްކެއްނުކުރައްވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތަކެއް ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމުކުރުމަކީ، ސަރުކާރުގެ އިގްތިސޯދީ ތަސައްވުރުގެ ވަރަށް މުހިންމު އަމާޒެއްކަމަށެވެ.

“މި ބިލް ގާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ލިބި، ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ. މިއާއެކު، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރާއްޖޭގެ އިގްތިސޯދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ރާއްޖޭގައި ވިޔަފާރިއާއި ސިނާއީ ހަރަކާތްތައް ފުޅާވެގެންދާނެ. އަދި، ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ” ރައީސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ގާނޫނު އައުމާއެކު، މި ސަރުކާރުން ހިންގާނެ އެންމެ މުހިންމު އިގްތިސޯދީ މަޝްރޫއަކީ، އިހަވަންދިއްޕޮޅު އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އައިހެވަން މަޝްރޫއު) ކަމަށް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ބޮޑު ތަރައްގީއެއް އައިސް އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، އުތުރުގެ ތަނަވަސްކަމުގެ މައި ދޮރާޓަކަށް ވެގެންދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލެއްވީ މިނިވަންދުވަހުގެ ތަހުނިޔާ އަދި ފިތުރު އީދުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަމުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއިރު ރާއްޖެއަށް މިނިވަންކަން ހޯދައި ދިނުމަށްޓަކައި މީގެ 49 އަހަރު ކުރިން، އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި އިސްކޮށް މަސައްކަތްތަކެއް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ އާއި އިބްރާހިމް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355