ރޯދަމަހު ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރި ދުވަސްތަކުގެ ފިލާވަޅުތައް ނަގައިދިނުމުގެ ގޮތުން މިޑްޓާމް ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވޭއިރު ބަދަލު ތަކަކާއެކު ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސްކޫލްތަކުން ބުނެފި އެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ މިނޫހަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ އަފީފުއްދީނުން 4 އަދި 5 ގެ ދަރިވަރުންނަށް ސެޝަންއަށް އެއް ޕީރިއެޑް އިތުރު ކުރުމަށް ވަނީ ހަމަޖައްސާފަ ކަމަށާއި 6 އަދި 7 ގެ ދަރިވަރުންނަށް މިހާރުވެސް ކުރިއަށް ގެންދަނީ ސެޝަން ދިގުކޮށްކަމަށެވެ.
ހދ އޭއީސީގައި ވެސް މިގަޑިތައް ނަގަން ހަމަޖެހިފައިވަނީ ސެޝަންގެ ގަޑި ދިގުކޮށްގެން ކަމަށާއި އަދި މިގޮތައް ފިލާވަޅުތައް ކަވަރ ނުކުރެވޭނަމަ އެކްސްޓްރާ ކުލާސްތަކެއް ކުރިއަށް ގެންދާނެކަމަށް އެސްކޫލް ގެ އިންފޮމޭޝަން އޮފިސަރ އަހުމަދު އަބްދުﷲ މިނޫހަށް މައުލޫމާތު ދެއްވި އެވެ.
ސާނަވީ އަދި މަތީސާނަވީއަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެސްކޫލުގައި ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އިތުރު ގަޑިތަކެއް ނެގުމަށް ކަމަށެވެ.
ސްކޫލުތަކުން މިގޮތަށް ނިންމާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ނަޒީރު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްވެސް ސްކޫލަކަށް ފިލާވަޅުތައް ކަވަރ ކުރުމަށް ވަކި އުސޫލެއް އަންގައިފާ ނުވާނެ ކަމަށާއި އެ ސްކޫލެއްގެ ޕްރިންސިޕަލުންނާއި ޓީޗަރުން އެއްބަސްވާ ވަކި ގޮތެއް ކަނޑައަޅާ ގަޑިތައް ހަމަކުރުމަށް ސްކޫލުތަކަށް އަންގާފައިވާނެ ކަމަށެވެ.
ގްރޭޑް 9 ގެ ދަށުގެ ހުރިހާ ގްރޭޑްތަކެއް ގެ ކިޔެވުން ރޯދަމަހަށް ބަންދުކުރުމަށް ފަހު މިޑް ޓާމް ނިމި ސްކޫލްތައް ހުޅުވޭއިރު މި ގްރޭޑް ތަކުގެ ކިޔެވުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ