ހާއްސަ ޕްރޮމޯޝަނަކާއެކު އުރީދޫގެ 9 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަން ފަށައިފި އެވެ.
ކުޅުދުއްފުށި އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި އުރީދޫގެ ސީނިއަރ ސްޕްޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ އުރީދޫގެ 9ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 9 ރުފިޔާ ހަރަދު ކުރައްވައިގެން ހާއްސަ 9 އިނާމެއް ލިބިގެންދާ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. ކަސްޓަމަރުންނަށް މިޕްރޮމޯޝަންގައި ބައިވެރިވުމަށް ފޯނުން 9 ރުފިޔާ ހަރަދު ކުރެއްވުމުން ލަކީޑްރޯއެއް މެދުވެރިކޮށް ހާއްސަ 9 އިނާމެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުރީދޫ ޝޮޕްގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި ވިދާޅުވީ އިނާމުތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓަކަށް ހިލޭ ދަތުރެއް، އުރީދޫ މައިފައި ޑިވައިސް، ހުޅުލެ އައިލަންޑް ހޮޓަލްއިން ރޭގަނޑު ކެއުމެއް، ގޯޕްރޯ ކެމެރާ، ޕީއެސް 4، ސެމްސަންގް ގެލަކްސީ 5އެސް ފޯނަކާއި އެޕަލް އައިފޯނު 5އެސް ފޯނުގެ އިތުރުން ހާއްސަ އެތައް އިނާމެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއަހަރީ ދުވަހުގެ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާލެވޭނީ ލަކީޑްރޯ އަކުންނެވެ.
އަހަރީ ދުވަހުގެ މި ޕްރޮމޯޝަންގައި އުރީދޫ ހުރިހާ ކަސްޓަމަރުނަށް މިއަދުން ފެށިގެން 9 އޯގަސްޓް 2014ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
އިންސާނުން ތަރައްގީކުރުމަށްކަމަށާއި ވީހާވެސް ގިނަ މީހުންނަށް ހިތްވަރު ދިނުމާއި އެމީހުންގެ އެންމެ ފުރިހަމަ ގާބިލިއްޔަތު ނެރެދިނުމަށް އެހީތެރިވެދޭން އުރީދޫއިން މަސައްކަތް ކޮށްދޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި އުރީދޫއިން ރާއްޖޭގައި ހިދުމަތް ދިނުމުގައި ކުރާ އިންވެސްޓްމަންޓްތަކަކީ ކަސްޓަމަރުންގެ ތަޖުރިބާތަކަށް ބަލައި، ކަސްޓަމަރުން ބޭނުންވާނެ ފަދަ ހިދުމަތްތަކެއް ދިނުމަށް ކުރާ އިންވެސްޓްމަންޓްތަކެއް ކަމަށްވެސް އުރީދޫއިން ބުނެ އެވެ.
“އަޅުގަނޑުމެން މެދުކެނޑުމެއްނެތި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނައުމަށް އިންވެސްޓްކުރުމާއި އެންމެ ފަހުގެ ހިދުމަތްތައް އެންމެ ހެޔޮ އަގުތަކުގައި ރާއްޖެއަށް ތައާރަފްކުރުމުގައި ދެމިތިބޭނަން. އަޅުގަނޑުމެންގެ ނެޓްވޯކަކީ ކަސްޓަމަރުންނަށްޓަކައި ބިނާކުރެވިފައިވާ ނެޓްވޯކެއް، އަދި އަޅުގަނޑުމެންގެ 9ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާހިނދު މިފުރުސަތުގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން”. އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
މަރިޔަމް އަހުމަދު ދީދީ އިތުރަށް ވިދާޅުވީ އުރީދޫއިން ގަބޫލުކުރަނީ ރަނގަޅު ކަނެކްޝަންއެއް މެދުވެރިކޮށް ކަސްޓަމަރުންގެ ދުނިޔެ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށާއި އެގޮތުން އުރީދޫގެ ނެޓްވޯކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރުމުގެ އިތުރުން، އަގުހެޔޮ އަދި ވާދަވެރި އަގުތަކެއްގައި އައު ހިދުމަތްތަކެއް ކަސްޓަމަރުންނަށް ތައާރަފްކޮށްދެމުންދާކަމަށެވެ. އަދި މިއަދު އުރީދޫގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ފުރިހަމަ ނެޓްވޯކު މެދުވެރިކޮށް، ހަޔާތުގެ އެންމެ ފުރިހަމަ ހިނދުކޮޅުތައް އެންމެންނާއި ހިއްސާކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
އުރީދޫއިން ފާހަގަ ކުރާ ގޮތުގައި އުރީދޫއިން ވަނީ އެތައްގިނަގުނަ ކާމިޔާބީތަކެއް އައު ޓެކްނޮލޮޖީތައް މެދުވެރިކޮށް މިއަދުގެ ތޫނުފިލި ކަސްޓަމަރުންނަށް ގެނެސްދީފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީ ތަކުގެ ތެރޭގައި އުރީދޫއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކޮށްފައިވާއިރު މިދިޔަ ނޮވެމްބަރ މަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީ މޯބައިލް ޕެކޭޖްތަށް ތައާރަފްކޮށްފަ އެވެ.
އޭގެ އިތުރުން މިދިޔަ ޑިސެމްބަރ މަހުގައި އުރީދޫއިން ވަނީ ރާއްޖެގެ އާބާދީގެ 84 އިންސައްތައަށް 3ޖީ ނެޓްވޯކްގެ ހިދުމަތް ތައާރަފްކޮށް މިނިމިދިޔަ މަހު ވަނީ އެ އިންސައްތަ 95ށް މަތިކޮށްފަ އެވެ. އަދި މިދިޔަ މަހު ވަނީ އައިފޯން 5އެސް ފޯނުތަކަށް ހާއްސަ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފަ އެވެ.
މަރިޔަމް ނިންމާލަމުން ވިދާޅުވީ އުރީދޫއަށް މިހާ ބޮޑު ކާމިޔާބީތަކެއް ލިބެމުންދަނީ ކަސްޓަމަރުން އުރީދޫއަށް ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.
އުރީދޫއަށް ވޭތުވެދިޔަ 9އަހަރަކީ ކުރިއެރުމާއި ކާމިޔާބީތަކެއް ލިބިފައިވާ އަހަރުތަކަކަށް ވެފައިވާއިރު، ބައިނަލްއަގުވާމީ މުވާސަލާތީ ގްރޫޕަކަށް ނިސްބަތްވާ އުރީދޫއަކީ 11 ގައުމެއްގައި 93 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާ ކުންފުންޏެކެވެ. އަދި އުރީދޫ އަކީ އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށް މީހުން ތަރައްގީކުރުމަށެވެ.