ރަމަޟާން މަހަށް ހާއްސަކޮށްގެން ޓީވީއެމުން ގެނެސްދިން ޕްރޮގްރާމް “އެންމެ އަލިގަދަ ތަރި” ގެ މަގާމު ށ.ފޭދޫ ވަވެތި ، އަލްހާފިޒް އަބްދުއްރަޝީދު ހޯދައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަންތައް ބާއްވައިގެން 200 މީހުން ކުރިމަތިލި މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ އަބްދުއްރަޝީދަށް ވަނީ މުބާރާތުގެ އެއް ވަނައަށް ހުށަހަޅުއްވާފައިވާ 100000 ރުފިޔާގެ ފައިސާގެ އިތުރުން 245000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައެވެ.
މުބާރާތުގެ ދެވަނައަށް ހޮވުނު ފ.ނިލަންދޫ، ފަތިސް އައިމިނަތު އިސްމާއީލަށް 75000 ރުފިޔާގެ އިނާމު ލިބުނުއިރު ތިންވަނައަށް ހޮވުނު ގދ.ތިނަދޫ މުލަންމާގޭ ޝިފާޒާ ނައީމަށް ވަނީ 40000 ރުފިޔާގެ އިނާމު ލިބިފައެވެ.
އެންމެ އަލިގަދަ ތަރީގެ އެއް ވަނަ އަބްދުއްރަޝީދު ހޯއްދެވީ، 12 ބައިވެރިން ނޮމިނޭޓްވި މުބާރާތުގެ ފައިނަލުގައި ދެ އަންހެން ބައިވެރިންނާ ވާދަ ކުރައްވައި ގެންނެވެ.