ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ސައިކަލަކާ ޕިކަޕަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާ ލިބުނު ކުޅުދުއްފުށީ ފިޔާތޮށިގެ އާދަމް މުހައްމަދަށް(45 އ) ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރ އިންޗާޖު މުހައްމަދު އަލީ ކުޅުދުއްފުށި އޮންލައިނަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާ ލިބުނު އާދަމްގެ ބޮލަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން ސިކުނޑިއަށް “ބޮޑު އަނިޔާއެއް” ލިބިފައި ވުމީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ސީދާ ސިކުނޑިއަށް ގެއްލުމެއް ލިބިފައިވޭތޯ ޔަގީން ކުރެވޭނީ ސީޓީ ސްކޭނަކަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ސީޓީ ސްކޭން ހެދުމަށާއި އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދެވެން ހުރި ފަރުވާތައް މިހާރު ދެމުންއަންނަ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އޭނާ އަށް މިހާރު ފަރުވާދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
8:30 ހާއިރު ހިނގި މި އެކްސިޑެންޓު ފެނުނު ފަރާތެއް މިނޫހަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ މިއަދު ބާދުޝާހު ބޯޓުން މުދާ ބޭލުމަށްޓަކައި ބޯޓަށް ގާތްކުރުމަށް ޕިކަޕް އަބުރާލަން އުޅުމުގެ ތެރޭގައި ސައިކަލު ޕިކަޕުގެ ކުރީ ފުރޮޅުގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްވި ވަގުތު ސައިކަލުގައި އިން މީހާ ފަސްވަރަކަށް ފޫޓް ދުރަށް ވިއްސައިގެން ދިޔަކަމަށާއި ފުރަތަމަ ވެސް ބިންމަތީގައި ޖެހުނީ އޭނާގެ ބޯ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު އޯވަޓޭކް ކުރަނިކޮށް، ފަހަތަށް ޖަހަޖަހާއޮތް ޕިކަޕް ކުރިއަށް ދުއްވާލުމުން ޕިކަޕްގެ ކުރީ ކަނާތްފަރާތު ބަފަރު ސައިކަލުގައި ޖެހި ސައިކަލު ވެއްޓުނު ވަގުތު ސައިކަލު ޕިކަޕުގެ ބަފަރު ދަށު ވެގެންކަމަށެވެ.
މިއެކްސިޑެންޓުގައި ޕިކަޕް ދުއްވަން އިން 19 އަހަރުގެ މީހާއަށާއި ސައިކަލް ފަހަތުގައި އިން މީހާއަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.