ހދ. ކުނބުރުދޫގައި އަޅަން ނިންމާފައިވާ ޖަލު އެ ރަށުގައި އަޅާނީ ހދ އަތޮޅުގެ ރައްޔިތުންގެ އެކަމަށް ރުހޭކަމަށް ވާނަމަ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރާ ހަވާލާދީ ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލުގެ މެންބަރުން މިނިސްޓްރީތަކާ ބައްދަލުކުރުމަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން މިއަދު ހޯމް މިނިސްޓަރ އުމަރު ނާސިރާ އެކު ބޭއްވެވި ބައްދަލުވުމާ ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ ކުނބުރުދޫގައި ޖަލެއް އަޅާނީ އެކަމަށް ރައްޔިތުން އެދޭ ނަމަ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ. އަދި ކުނބުރުދޫގައި ޖަލު އެޅުމަށް ކެނބިނެޓުން އަދި ފާސްނުކުރާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުނބުރުދޫ ޖަލަކީ ޕްލޭން ކުރަމުންދާ ޖަލެއް ކަމަށާއި އެއީ އަދި ޖަލު އެޅުމަށް ފާސްކޮށްފައިވާ ރަށެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށްވެސް އާދަމް ވިދާޅުވި އެވެ.
ޕްލޭން ކުރަމުންދިޔަ ކަމެއް މީޑިޔާތަކާ ހަމައަށް ދިޔަ އިރު އަތޮޅު ކައުންސިލާ އެކަން ހިއްސާނުކޮށް ހިޔާލު ހޯދާފައިނުވާތީ އެކަމާ ހިތާމަ ކުރާކަމަށް ކައުންސިލުން މިނިސްޓަރ އަރިހުގައި ދެންނެވިކަމަށް އާދަމް އިތުރަށް ވިދާޅުވި އެވެ. އަދި ކުނބުރުދޫގައި ޖަލު އެޅުމަކީ ކައުންސިލުން ރުހޭކަމެއް ނޫން ކަމަށްވެސް މިނިސްޓަރ އަރިހުގައި ދެންނެވިކަމަށް އޭނާ ވިދާޅުވި އެވެ.
ކުނބުރުދޫގައި އަޅަން ޕްލޭން ކުރަމުންދަނީ ލުއި ޖަލެއް ކަމަށާއި އެ ޖަލުގައި ބޮޑެތި ކުށްކުރާ ކުށްވެރިން ނުތިބޭނެކަމަށް މިނިސްޓަރ ވިދާޅުވި ކަމަށްވެސް ރައީސް ފާހަގަކުރި އެވެ.
އެހެންނަމަވެސް ރައްޔިތުން އެ ޖަލު އެޅުމަށް ނުރުހޭ ކަމަށްވާނަމަ އެ ޖަލު އެހެން ރަށަކަށް ބަދަލުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.