ހދ. ކުޅުދުއްފުށި މާލަމް ގެއިން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ޖުލައި މަހު ހދ.ކުޅުދުއްފުށީ މާލަމްގެއިން ވައްކަން ކޮށްފައިވާކަމަށް ބުނެ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރާއި 18 އަހަރުގެ ދެ ފިރިހެނުންކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ދެމީހުންނަކީވެސް ދެ ދިވެހިންކަމާއި އޭގެތެރެއިން 31 އަހަރުގެ ފިރިހެނާއަކީ ވައްކަމާއި ފޭރުމާއި ބިރުދެއްކުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުން ބުނެ އެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދޭއިރު މާލަމް ގެއިން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރ ސިސްޓަމް ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ގެއެއް ބަލާ ފާސްކުރިކުރުމުން އެގޭތެރެއިންކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރިއަށް ގެންދިޔުމަށް 7 ދުވަސް ދީފަ އެވެ.
މި މައްސަލަ ދަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގް ކުރަމުންނެވެ.