ހަނިމާދޫ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ރާޒީގެ އިތުބާރު ނެތް ކަމަށް އެ ކައުންސިލުން ފާސްކޮށްފި އެވެ.
ހަނިމާދޫ ކައުންސިލުގެ މީޑިޔާ ކޯޑިނޭޓަރ އަބުދުލް ސައްތާރު ހަސަނަށް މި ނޫހުން ގުޅާލުމުން ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނެގި ކަމަށާއި އެހެންނަމަވެސް އެކަމާ ބެހޭގޮތުން އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް އެނގިފައިވާ ގޮތުގައި ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އަހާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ވޯޓަށް އެހި އިރު ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެ ދުވަހު އޮފީހަށް ވަޑައިނުގަންނަވައެވެ.
އަދި ވޯޓުގައި ބައިވެރިވި 3 މެންބަރުންގެ އިއްތިފާގުން ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
މިކަމާ ގުޅިގެން ކައުންސިލުގެ ރައީސް މުހައްމަދު ރާޒީ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރަން ބޭއްވި ޖަލްސާއަކީ ގާނޫނީ ގޮތުން ބޭއްވޭނެ ޖަލްސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލް ހިންގުމަށް ހަވާލުވާން ޖެހޭނީ ޖަލްސާއަކުން އެކަމަށް ކަނޑައަޅާ މެންބަރަކަށް ވާތީ ކަމަށެވެ. އެހެންނަމަވެސް އެލްޖީއޭއިން އަންގަވާ ގޮތަކަށް އޭނާ އިހުތިރާމް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ ކައުންސިލުގެ ރައީސް އަކީ މިނިވަން މެންބަރަކަށްވާއިރު ނައިބު ރައީސް ނިސްބަތް ވަނީ އަދާލަތު ޕާޓި އަށެވެ. ދެން އެ ކައުންސިލުގައި ތިއްބަވަނީ ޖުމްހޫރީ ޕާޓިގެ ކައުންސިލަރަކާއި އެމްޑީޕީ އަދި ޕީޕީއެމްގެ ކައުންސިލަރެކެވެ.