މިދިޔަ މަހުގެ ފަހުކޮޅު ކުޅުދުއްފުށީ ގެއަކުން ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި މައްސަލައާ ގުޅުންހުރި 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 55 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެއް ކަމަށެވެ. މި މީހުންގެ ވަނަވަރާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުޅުދުއްފުށީ ގެއަކުން ވަގަށް ނެގި ކަރަންޓް ސާމާނުތައް ފުލުހުން ހޯދާފައިވަނީ ނުއަގުގައި 3 މީހަކަށް އެތަކެތި ވިއްކާފައިވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ގިނައަދަދަކަށް ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 05 ވަނަ ދުވަހު އެވެ. އަދި އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ 07 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ 6 ވަނަ ދުވަހު ހައްޔަރުކުރި 30 އަހަރު މީހަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ 07 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކަމަށާއި 55 އަހަރު މި މީހާގެ ތަހުގީގަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ވަނީ 07 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ނުއަގުގައި ވިއްކާތަކެތި އެއްވެސް ބޭފުޅަކު ނުގަތުމަށާއި އެފަދަ ތަކެތި ވިއްކާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަަމަ ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކުރުމަށެވެ.