ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުން ސިއްހީ ހިދުމަށް ހޯދުމަށް އެތަކެއް ތަކުލީފެއް އުފުލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ހަނިމަދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ސިއްހީ ހދުމަތް ދިނުމުގެ ބިލާބެހޭގޮތުން މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ ޝަހުދީ ވިދާޅުވީ ހިދުމަތެއް ހޯދުމަށް ރައްޔިތުންގެ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.
“މިސާލަކަށް އަޅުގަނޑުމެންގެ އަތޮޅު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެ ހޮނިހިރު ދުވަހެއްގައި 3 އަތޮޅުގެ ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށް ދާނެ. މިގޮތަށް ދާދިއުމުގައި ވަސީލަތްތައް ހުންނަ ގޮތުން ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ނުލިބުމާއެކު އަޅުގަނޑުމެންގެ ރައްޔިތުންނަށް އެތައް ތަކްލީފެއް އުފުލަންޖެހޭ. އިތުރު ދަތުރެއް ކުރުމާ އަދި އިތުރު ޚަރަދުތަކެއް ހިނގުން ފަދަ ބައިވަރު ކަންތައްތައް މީގައި އެކުލެވިގެންވޭ.” މަޖިލީހުގައި ޝަހުދީ ވިދާޅުވި އެވެ.
އަތޮޅު ތެރޭގައި އެކަށީގެންވާ ސިއްހީ ހިދުމަތް ތަކެއް ލިބެން ނެތްކަން ފާހަގަކުރަވަމުން ޝަހުދީ ވިދާޅުވީ ސްކޭން އާއި އެނޫންވެސް ޓެސްޓުތައް ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ހެދެން ނެތުމުން މާލެ އައިސް ބޮޑު އަގުގައި ކޮޓަރިކުއްޔާއި ކެއުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތިބެން ޖެހުމުން އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑު ވެގެންދާ ކަމަށެވެ.
މެންބަރު ވިދާޅުވީ ގިނަ ރަށްތަކެއްގެ މައްޗަށް މީހުން ދިރިއުޅެންޖެހިފައިވާ ރާއްޖޭގައި ޞިއްޙީ އަދި އެނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަށް ހުރަސްތަކާ ދަތިތައް ހުންނާނެ ކަމަށެވެ. އެކަންކަމާއެކުވެސް ސިއްހީ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ލުއި ފަސޭހަ ނިޒާމެއް ސަރުކާރުން ގާއިމުކުރަން ޖެހިފައިވާކަން ޝަހުދީ ފާހަގަކުރެއްވި އެވެ.