twitterviber whatsapp telegramfacebookyoutube instagram
14th May 2025

ހދ އަތޮޅުގެ ތަރައްގީއާ ބެހޭގޮތުން އަތޮޅު ކައުންސިލުން ހަ މިިނިސްޓްރީއަކާއި ދިހަ މުއައްސަސާއަކާ ބައްދަލުކޮށްފި

Aug 16, 2014

ހދ އަތޮޅުގެ ތަރައްގީ އާއި އަތޮޅުގެ ރަށްރަށަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް އަތޮޅު ކައުންސިލުން ދައުލަތުގެ 6 މިނިސްޓްރީ އަކާއި ސަރުކާރުގެ 10 މުއައްސަސާއަކާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މި އޯގަސްޓް މަހު ފަހަކުން 13 އަށް އަތޮޅު ކައުންސިލުގެ 4 މެންބަރަކު މާލެއަށް ކުރެއްވި ދަތުރުފުޅުގައި ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ކުރީގެ ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާގެ އިތުރުން، ފިޝަރީޒް މިނިސްޓަރާއި، ޓްރޭޑް މިނިސްޓަރ، ހައުސިން މިނިސްޓަރ އަދި އެނަރޖީ މިނިސްޓަރާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެ ދާއިރާތަކުން އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ކައުންސިލު މައުލޫމާތު ދޭގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އާއި، ޕޯޓްސް ލިމިޓެޑާއި ފެނަކަ ކޯޕަރޭޝަނުގެ އިތުރުން އެމްޑަބްލިޔުއެސްސީގެ އިސް ވެރިންނާވެސް ބައްދަލުކުރައްވައި މަޝްވަރާކޮށްފައި ވެއެވެ.

އަދި އެފްއޭއެމާއި، ޓްރާންސްޕޯރޓް އޮތޯރިޓީ އާއި ނެޝަނަލް ރެޖިސްޓްރޭޝަނުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ އިސްބޭފުޅުންވާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހދ. އަތޮޅަށް ނިސްބަތްވާ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް ކައުންސިލު ބުންޏެވެ. އެގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާ ބައްދަލުކޮށް އެބޭފުޅުންގެ ދާއިރާތަކުން އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ދަތިތައް ފާހަގަ ކުރައްވައި އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ހދ. އަތޮޅު ކައުންސިލު މައުލޫމާތުދެ އެވެ.

ކައުންސިލުގެ މެމްބަރުން މާލެއަށް ކުރެއްވި މިދަތުރުފުޅުގައި ކުރީގެ ދެ ރައީސް ކަމަށްވާ މައުމޫނު އަބުދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުކުރެއްވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކަނި ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ އެޕޮއިންޓުމެންޓަކަށް ވެސް އަތޮޅު ކައުންސިލުން އެދުނު ނަމަވެސް އެމަނިކުފާނާ ވެސް ބައްދަލުކުރެއްވޭ ގޮތް ނުވި ކަމަށް ކައުންސިލުން މައުލޫމާތު ދެއެެވެ.

ހދ އަތޮޅު ކައުންސިލުން މާލެއަށް ކުރި މި ދަތުރުފުޅުގައި ބައިވެރިވީ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާޞިރާއި، ނާއިބު ރައީސް އަޙްމަދު އާޠިފާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ސަޤީފާއި، ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމެވެ.

[yass cats=102]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355