މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަކަށް ކުޅުދުއްފުށީ ބުރާންޗުގެ އާއިޝަތު ނިޒާރު، ޒަމްޒަމް ހޮވިއްޖެ އެވެ.
މީރާގެ އެސިސްޓެންޓް އޮފިސަރެއްގެ މަޤާމު އަދާކުރަމުން އަންނަ އާއިޝަތު ނިޒާރު މި އެވާޑް ހާސިލްކުރީ މީރާގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގަ އެވެ.
“ވަރަށް އުފާވި މި އެވާޑް ލިބުނީމަ. އަބަދުވެސް ވަރަށް މަސައްކަތް ކުރަން ގަޑި ނުޖެހި އޮފީހަށް ދިއުމަށް. އެގޮތުން ބުރޭކް ނިންމާފަވެސް އަދި އޮފީސް ފަށާ ގަޑީގަވެސް ގަޑި ނުޖެހި ސައިން އިން ވަން ކޮންމެ ދުވަހަކުވެސް. އަދި މިކަމުގައި އަޅުގަނޑަށް އެންމެ ބޮޑު އެއްބާރުލުމެއްދިން އަޅުގަނޑުގެ އާއިލާއަށް މި ފުރުސަތުގައި ހާއްސަ ޝުކުރެއް އަދާކުރަން” މި ނޫހާ ހިއްސާކުރަމުން އާއިޝަތު ހާމަކުރިއެވެ.
200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ މީރާގައި، އާއިޝަތު ނިޒާރުގެ އިތުރުން ބެސްޓް އެޓެންޑެންސްގެ އެވާޑް ހާސިލްކުރި އަނެއް ފަރާތަކީ މީރާ އައިޓީ ޑިޕާޓްމަންޓްގެ ސީނިއަރ އޮފިސަރ އަހްމަދު މަނިކެވެ.
މި ވޭތުވެދިޔަ އަހަރު މީރާގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ މީރާގެ މީރާ އެންފޯސްމަންޓް އެންޑް ކޮންޕްލަޔަންސް ގެ ޑިރެކްޓަރ ފާތިމަތު އަމީޒާ އެވެ. އަދި މޯސްޓް ފުރެންޑްލީ ސްޓާފަކަށް ޓްކްނިކަލް އެންޑް ލީގަލް ސާވިސްގެ މަރިޔަމް އައްބާސް ހޮވިފައިވާއިރު، މޯސްޓް ހެލްޕްފުލް ސްޓާފަކަށް ހޮވިފައިވަނީ އައިޓީ ޑިޕާޓްމަންޓްގެ މުހައްމަދު ޖިނާހް އިބްރާހިމް އެވެ. މީގެ އިތުރުން މޯސްޓް އިނޮވޭޓިވް ސްޓާފް ހޮވާފައިވާއިރު މި އެވާޑް ހާސިލްކުރީ ޓެކްސްޕޭޔަރ އެޑިއުކޭސަން އެންޑް ފެސިލިޓޭސަންގެ ސްޓާފް އަލީ މާހިރު އެވެ.
މީރާ ކުޅުދުއްފުށީ ބުރާންޗުގައި 4 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މީރާއިން އަންނަނީ މި ހިނގާ އޯގަސްޓް މަހު މީރާ އައްޑޫ ބުރާންޗު ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މީރާ ކުޅުދުއްފުށީ ބުރާންޗުން ހިދުމަތް ދޭން ފަށާފައިވަނީ 28 ނޮވެމްބަރ 2012ގަ އެވެ.