ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ މައި ކުންފުނި ދިރާގުގެ މޯބައިލް ނެޓްވޯކް ފެންވަރު ރަނގަޅުކޮށް އަދި 4 ޖީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއީ ދިރާގުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދެވަނަ ސްޓޭޖް ކަމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ މަސައްކަތްތައް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލެ ސަރަހައްދުން ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
އޭގެ ތެރޭގައި ފޯނު ކޯލު ލިބުމާއި މިސް ކޯލް އެލާޓް ލިބުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށާއި އަދި 3ޖީ ސްޕީޑްގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ދިރާގުން ބުނިގޮތުގައި މަސައްކަތްތައް މާދަމާ ކުރާނީ ވިލިމާލެ އާއި އަމީނީ މަގުގެ މާފަންނު ހުޅަނގު ސަރަހައްދުގަ ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު ކަސްޓަމްސް ސަރަހައްދާއި ޗާނދަނީމަގާއި މަޖީދީ މަގުގަ މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު 19 ވަނަ ދުވަހު މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން އާޓިފިޝަލް ބީޗާ ދެމެދުގަ އެވެ. 20 ވަނަ މަސައްކަތް ކުރާނީ ދުވަހު ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުން ފެށިގެން ނަސަންދުރަ ޕެލަސް ހޮޓަލާ ދެމެދުގަ އެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު މަސައްކަތް ކުރާނީ ހުޅުލެ ސަރަހައްދުގަ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނިގޮތުގައި އެކުންފުނިން މަސައްކަތްތައް ތާވަލް ކޮށްފައިވަނީ އެކަމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތައް ވީހާވެސް ކުޑަކުރެވޭނެ ގޮތެއް ބަލައިގެން ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތައް ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ނިންމާލެވުމުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.