ހޯމް މިނިސްޓަރ އުމަރު ނަސީރު ހދ. އަތޮޅުގެ 3 ރަށަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ބުދަދުވަހު ފައްޓަވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މިދަތުރުފުޅުގައި މިނިސްޓަރ އުމަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓަށާއި ހަނިމަދޫގެ އިތުރުން ނޭކުރެންދޫއަށެވެ.
ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބުދުލް ސަމަދު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިސްޓަރ އުމަރު ހދ. އަތޮޅަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި އެރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކޮށް އެފަރާތަކަށް ދިމާވެފައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
ތަޒްމީލް ވިދާޅުވީ މިނިސްޓަރގެ މިދަތުރުފުޅުގައި ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލު ސަރަހައްދު ބައްލަވާލަވާނެ ކަމަށާއި އަދި އެކަމާއި ގުޅޭގޮތުން ނޭކުރެންދޫ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ޑިވެލޮޕްމެންޓް އޮފީސް އިމާރާތައް ވެސް މިނިސްޓަރ ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ އުމަރުގެ މިދަތުރުފުޅުގައި ފުރަތަމަ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ހަނިމާދޫ ކައުންސިލާ އެވެ. މިނިސްޓަރގެ މިދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގަތުން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މިއީ ރަސްމީ ދަތުރެއްގައި ރައީސް ޔާމީންގެ ކެބިނެޓްގެ މިނިސްޓަރެއް ހދ. އަތޮޅަށް ވަޑައިގަންނަވާ 3 ވަނަ ފަހަރެވެ. މީގެ ކުރިން ރަސްމީ ދަތުރުފުޅުތަކެއްގައި ޑިފެންސް މިނިސްޓަރާއި ޔޫތު މިނިސްޓަރ ހދ އަތޮޅަށް ވަޑައިގަންފައިވެ އެވެ.