ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރާ ބާންލީގެ މައްޗަށް ކުރިހޯދާ ޗެލްސީގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ ބާންލީގެ ޓާފް މޫރްގައި ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 3-1 އިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ ކޮކާ ކޯލާ ޗެމްޕިއަންޝިޕުން ލީގަށް އަލުން ޕްރޮމޯޓްވި ބާންލީ އެވެ.
މިއީ މެޗުގެ 14 ވަނަ މިނެޓްގައި ބާންލީގެ މެތިއު ޓެއިލާ ނަގާދިން ހުރަހެއް ކޮންޓްރޯލް ކޮށްލުމަށްފަހު އެ ޓީމުގެ ސްކޮޓް އާފީލްޑް ކާމިޔާބުކުރި ލަނޑެކެވެ. މި ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލިއިރު އެތުލެޓިކޯ މެޑްރިޑުގައި 3 ލޯނު ސީޒަން ހޭދަކުރުމަށްފަހު މި ސީޒަނުގައި އަލުން ޗެލްސީއާ ގުޅުނު ހުނަރުވެރި ކީޕަރ ކޯޓޮއިސް އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.
ބާންލީގެ ލަނޑާއެކު ސަޕޯޓަރުންގެ އަޑު މާ ގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އެތުލެޓިކޯ މެޑުރިޑުން 32 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޗެލްސީއަށް މި ސީޒަނުގައި ބަދަލުވި ޑިއޭގޯ ކޯސްޓާވަނީ އޭގެ ތިން މިނެޓް ފަހުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ހޯސޭ މޮރީނިއޯގެ ބެލުމުގެ ދަށުން ކުޅޭ ޗެލްސީގެ އެންޑުރޫ ޝާލް ވަނީ އޭގެ ހަތަރު މިނެޓް ފަހުން ޗެލްސީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާދީފަ އެވެ. މިއީ މި ސީޒަނުގައި ބާސެލޯނާއިން ޗެލްސީއަށް ބަދަލުވި ސެސް ފެބްރިގާސްގެ ވަރަށް މޮޅު ތުރޫ ޕާހަކުން ޝާލް ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ހުރިހާ ލަނޑެއްވެސް ފުރަތަމަ ހާފު ފެނިގެން ދިޔައިރު ޗެލްސީގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 34 ވަނަ މިނެޓްގައި ސެސް ފެބްރިގާސް ނަގާދިން ކޯނަރަކުން އިވަނޮވިޗެވެ.
ގޯލް ތަފާތުން ޗެލްސީ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތްއިރު ދެން ޗެލްސީ ކުޅެން ޖެހޭނީ މި ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ލެސިސްޓަރ ސިޓީއާ ދެކޮޅަށެވެ. މި ދެ ޓީމު އެންމެ ފަހުން 2004 ވަނަ އަހަރު ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރީ ޗެލްސީއެވެ.