twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިއްސާރައާ ގުޅިގެން ވައިޓް އެލާޓް ނެރެފި

Aug 19, 2014

މިދުވަސްވަރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖިކަލް ސާވިސް(މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރާނެކަމަށް މެޓްއޮފީހުން ބުނެފައިވެ އެވެ.

މި ގޮތުން މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި އެވްރެޖް ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އިއްޔެ މެޓް އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރާނެކަމަށް މެޓްއޮފީހުން ބުނެފައި ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި، ހާއްސަގޮތެއްގައި ރޭގަނޑުގެ ވަގުތު ތަކުގައި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހާދިސާއެއް ކުރިމަތިވެއްޖެނަމަ ވީ އެންމެ އަވަހަކަށް ކޯސްޓްގާޑް ނަމްބަރު 191 އަދި ފުލުހުންނަށް ހިލޭ ގުޅޭ ނަމްބަރު 119 ނުވަތަ 3322111 އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ގުޅައި މައުލޫމާތު ދިނުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355