ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ގާނޫނަކަށް ވުމަކީ މުޅި ލާމަރުކަޒީ ނިޒާމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބުދުލް މުހައިމިން ވިދާޅުވީ އެސްއީޒެޑް ބިލަކީ ގާނޫނުއަސާސީ އާއި ތައާރުޒްވާ ބިލެއް ކަމަށާއި އަދި އެބިލު ގާނޫނަކަށް ވުމަކީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރިމަތި ވެގެންދާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
” އެސްއީޒެޑް ބިލަކީ ލާމަރުކަޒީ ގާނޫނާ ތައާރަޒު ވާ ބިލެއް. އަދި ލާމަރުކަޒީ ނިޒާމަށް ކުރިމަތި ވެގެންދާނެ ވަރަށް ބޮޑު ގޮންޖެހުމެއް ” އަދާލަތު ޕާޓީއަށް ނިސްބަތްވާ މުހައިމިނު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ މުހައިމިނު ވިދާޅުވީ މިބިލުގެ ސަބަބުން ކައުންސިލުތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މިހާރަށް ވުރެ ބޮޑަށް ދަތިވެ ކައުންސިލުތަކަށް ފައިސާ ހޯދޭނެ ދޮރުތައް އެއްކޮށް ބަންދުވެގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ބިލު ގާނޫނަކަށް ވުމުން މުޅި ލާމަރުކަޒީ ނިޒާމުގެ ބޭނުން ކެނޑިގެން ހިނގާދާނެ ކަމުގެ ބިރު އެބައޮތެވެ.
ސަރުކާރުގެ ފަރާތުން އެސްއީޒެޑްގެ ބިލު ރައްޔިތުންގެ މަޖީލީހަށް ހުށައަޅާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ޒިޔާދު ރަޝީދެވެ. މިބިލުގައި ވާގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތަކާއި ފަޅުރަށްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ނެގިދާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ރިޔާޒް ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ކައުންސިލްތަކުގެ ޒިންމާއަކަށް ވެގެން ދާނީ އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ރަށެއް ފަޅުރަށެއް ނުވަތަ ބިމެއް ކުއްޔަންދޭން ނުވަތަ ވިއްކަން ބޭނުން ވެއްޖެ ނަމަ އެކަމުގެ މަޝްވަރާ ބިމާ ބެހޭ ވުޒާރާއަށް ދިނުމެވެ.
ބިލުގައި ބުނެފައިވާ ގޮތުން ބިމާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކާއި ހަވާލުކުރާ ބިންތަކުގެ ނުވަތަ އެ ކައުންސިލް ތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ފިޔަވައި އެހެން އެއްވެސް ބިމެއްގެ ކުލި ނުވަތަ ފަޅެއްގެ ކުލި ކައުންސިލަށް ނެގުމުގެ ބާރެއް އެއްވެސް ކައުންސިލަކަށް ނޯންނާނެ އެވެ.
އެގޮތުން ރަށެއްގައިވާ ބިމެއްގައި އެއްވެސް ފަރާތަކުން އިންވެސްޓެއް ކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ބިމާއި ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް އިސްލާހުގައި ބުނެ އެވެ. ކައުންސިލްތަކަށް ހަމައެކަނި ލިބިފައިވާ ބާރަކީ އެކަމާ ގުޅޭގޮތުން ބިމާއި ބެހޭ ވުޒާރާއަށް މަޝްވަރާ އާއި ލަފާ ދިނުމެވެ.
ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ދަށުން އެ ބިލް ގާނޫނަކަށްވެ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހައި ބިމެއް ސަރުކާރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވެސް ބިލުގައިވެ އެވެ.