ވައިކަރަދޫގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހުގެ ބާވަތްތަކަށް ހާއްސަ ބޭސް ފިހާރައެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ވައިކަރަދޫ ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލުގެ 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓާ ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލުގެ ރައީސް ވިދާޅުވީ އެ ކައުންސިލުން ކުރިއަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިންނަށް ހާއްސަ ބޭސްފިހާރައެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވައިކަރަދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ބޭސް ފިހާރައެއްގެ އިތުރުން ޔޫތު މިނިސްޓްރީއާ ގުޅިގެން ވައިކަރަދޫ ފުޓްބޯޅަ ދަނޑު ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރަށު ތެރޭގައި އިތުރު ހޮޅިބުރި ހަރުކޮށް ރަށް ދިއްލުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓުގައި ހިމަނާފައިނުވިއަސް ވައިކަރަދޫގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އަދި އެކަން ކޮއްދެއްވަނީ ހެޔޮއެދޭ ފަރާތަކުން ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރާ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމްގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށްވެސް ފާހަގަކުރި އެވެ. އެގޮތުން ކައުންސިލުން މާލެއަށް ކުރާ ކޮންމެ ޒިޔާރަތެއްގައިވެސް ބައްދަލުކޮށް މިނިސްޓްރީތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ވެސް ނާޒިމް ބައިވެރިވެލައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރޭ ހދ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވޭތުވެދިޔަ 6 މަސްދުވަހު ކައުންސިލުއިން ކޮށްފައިވާ ކަންކަމާއި ކުރިއަށް އެކައުންސިލުން ކުރަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ވަނީ ހިއްސާކޮށްފައިވެ އެވެ. 75 ރައްޔިތަކު ބައިވެރިވި މި ރަސްމިޔާތުގައި ރިޕޯޓް ރައްޔިތުންނާ ހިއްސާކޮށްދެއްވީ ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި 10 ގެ ކުރިން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކައުންސިލުތަކުން ހުށަހަޅަންޖެހޭ ރިޕޯޓު، ހދ އަތޮޅުގެ ރަށްތަކުގެ ތެރެއިން ހުށަހަޅާފައިވަނީ ވައިކަރަދޫއިން އެކަންޏެވެ.
ވައިކަރަދޫ އަކީ ހދ. އަތޮޅުގައި ފުޅާ ދާއިރާއެއް ގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ.