ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލެއް އޮންނަންޖެހޭ ކަމަށާއި އެކަމަކު އެއީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގަފޫރު ވިދާޅުވީ މިހާރު އޮތް ގޮތަށް އެސްއީޒެޑް ބިލް ފާސްވެއްޖެ ނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިފައިވާ ބާރު ކުޑަވެ، ކައުންސިލުތަކުގެ އިހުތިޞާސް ހަނިވެގެންދާނެ ކަމަށެވެ.
ޣަފޫރު ވިދާޅުވީ އެސްއީޒެޑް ބިލަކީވެސް މުހިންމު ބިލެއް ކަމަށާއި އެ ބިލް ފާސްކުރުމުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި އިސްލާހުތަކެއް ގެނެސްގެން އެ ބިލަކީވެސް ފައިދާވާނެ ބިލަކަށް ހެދިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަން ކުރަންޖެހޭނީ އެހެން ގައުމު ތަކުގައިވެސް އެކަން ކޮށްފައިވާ ގޮތަށް ވަކި ޒޯންތަކެއް ކަނޑައަޅައިގެން ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.
އެސްއީޒެޑް ބިލް ފާސްވުމުން ރިސޯޓުތައް އެޅުމަށް ރަށްރަށް ގަންނަން ޖެހުމުން އާމްދަނީ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ އިތުރުވެގެންދާނެ ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ގާނޫނަކަށް ވުމަކީ މުޅި ލާމަރުކަޒީ ނިޒާމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
މިހާރު ހުށަހެޅިފައިވާ އިސްލާހުތަކާއެކު މި ބިލް ގާނޫނަކަށް ވެއްޖެނަމަ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހައި ބިމެއް ސަރުކާރަށް ބަދަލު ކުރެވިގެންދާނެ ކަމަށް އެސްއީޒެޑް ބިލުގައިވެ އެވެ.
އެސްއީޒެޑްގެ ބިލަށް އެމްޑީޕީން 300 އަށްވުރެ ގިނަ އިސްލާހު ހުށަހަޅާނެކަމަށް އެ ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.