ހދ އަތޮޅުގެ ސްކޫލުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ލައިފް ސްކިލް ޓްރެއިނިން ޕްރޮގްރާމް ނިމިއްޖެ އެވެ.
ޖަލާލުއްދީން ސްކޫލުން ކޯޑިނޭޓްކުރި މި ޕްރޮގުރާމް ނިންމުމުގެ ގޮތުން މިއަދު ޓީއާރުސީގައި ބޭއްވި ހަފްލާގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މނިސްޓަރ ޑރ. އަހުމަދު ރިޔާޒްގެ އިތުރުން ހދ އަތޮޅު ކައުންސިލުގެ ރައީސް ބައިވެރިވެލައްވާފަ އެވެ.
މި ހަފްލާގައި މި ޕްރޮގުރާމްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދެވިފަ އެވެ. އަދި ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ވަނީ ޕްރޮގުރާމާ މެދު އެމީހުން ދެކޭ ގޮތް ވަކި ވަކިން ކިޔައިދީފަ އެވެ.
މި ހަފްލާގައި ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރު ތަންފީޒުކުރަން ފަށާ އައު މުގައްރަރުގެ ތެރެއަށް ލައިފް ސްކިލްގެ ބައެއް ބައިތައް ވެއްދުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ޓްރޭނިން ޕްރޮގުރާމް ކޯޑިނޭޓްކުރި ޖަލާލުއްދީން ސްކޫލުން ބުނީ މި ލައިފް ސްކިލް މި ޕްރޮގްރާމްގެ މަގުސަދަކީ ސްކޫލު މަދަރުސާތަކުގެ ތެރެއިން ދިމާވާ ތަފާތު މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމެވެ.
“ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ސްކޫލު ތެރޭގައި ދިމާވާ ބުލީކުރުން ޖިންސީ ހާނީއްކަ މާރާމާރީތައް ފަދަ ތަފާތު މައްސަލަތައް ދެނެގަނެ ހައްލުކޮށް ދިނުމަށް އެހީތެރިވެދިނުން” ޖަލާލުއްދީން ސްކޫލުގެ ލީޑިން ޓީޗަރ އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު މި ތަމްރީނުވި ފެސިލިޓޭޓަރުން އެބަޔަކު އެ ދިރުއުޅޭ މައުހައުލެއްގައި މިފަދަ އިތުރު ލައިފް ސްކިލް ޕްރޮގުރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ޓްރެއިނިން ޕްރޮގުރާމްގައި ބައިވެރިވި ބައެއް ބައިވެރިން ބުނީ މިއީ ވަރަށް މުހިންމު އަދި ގިނަ އައު ކަންތައްތަކެއް ދަސްވި ޝައުގުވެރިކުރުވަނިވި ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގުރާމްގައި ކިޔަވައިދެއްވާފައިވަނީ އަހުމަދު ސައީދާއި އަބުދުލް ހަމީދެވެ.
ޖުމްލަ 24 ޓީޗަރުން ބައިވެރިވި މި ޕްރޮގްރަމަކީ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލްގެ އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހދ އަތޮޅުގެ 9 ރަށެއްގެ ސްކޫލުތަކުން މިޕްރޮގްރާމުގައި ވަނީ ބައިވެރިވެފަ އެވެ. އެއީ ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ، ނެއްލައިދޫ، ވައިކަރަދޫ، ފިނޭ، ކުރިނބީ، ނައިވާދޫގެ އިތުރުން މަކުނުދޫ އެވެ.