ސަރުކާރަށް ލިބުނު އެންމެ މަތީ ދަރަޖައަކުން ވީ އެންމެ އަވަހަކަށް ހދ. އަތޮޅުގައި ރިސޯޓެއް އޮޕަރޭޓުކުރެވޭނެ ގޮތް ހަދަވައިދެވުމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު ޝަހުދީ ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެސްއީޒެޑް ބިލު ފާސްވުމާ އެކު އެބިލަށް ވޯޓު ދެއްވި ސަބަބު ހަމާކުރައްވަމުން ހުސެއިން ޝަހުދީ ވިދާޅުވީ ހދ. އަތޮޅަކީ އެންމެ އާބާދީ ބޮޑު އަތޮޅަށް ވީއިރު އެއަތޮޅުގައި ފަތުރުވެރިކަމުގެ އެއްވެސް ރިޒޯޓެއް ހުޅުވިފައިނުވާކަމަށެވެ. އަދި މީގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަން ފަތުރުވެރިކަމުން ލިބޭ މަންފާއިން މަހުރޫމުވެ، ވަޒީފާގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
“އަޅުގަނޑު މި ފުރުސަތުގައި ވެސް ދަންނަވާލަން، އަޅުގަނޑުމެންނަށް މި އުފަންކުރެވުނު (އެސްއީޒެޑް) ބިލުގެ ޒަރީއާއިން ސަރުކާރަށް ލިބުނު އެންމެ މަތީ ދަރަޖައަކުން ހދ. އަތޮޅުގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އަތޮޅުގައި ފަތުރުވެރިކަމުގެ ރިޒޯޓެއް އޮޕަރޭޓުކުރެވޭނޭ ގޮތެއް ހައްދަވައިދެއްވުން” ޝަހުދީ ވިދާޅުވި އެވެ.
ހދ. އަތޮޅުގައި 3 ރަށް ފަތުރުވެރިކަމަށް ދޫކޮށްފައިވާތާ އެތަކެއް އަހަރުތަކެއް ވެފައިވީ ނަމަވެސް އަދި ވެސް އެރިޒޯޓެއް ހުޅުވިފައިނުވާ ކަމަށް ޝަހުދީ ފާހަގަ ކުރެއްވި އެވެ.
” ހޮނޑާފުށި ކިޔާ ރަށެއް ފަތުރުވެރިކަމަށް ދޫކުރެވިފައިވާތާ 9 އަހަރު ވެއްޖެ. އަދި ކުޑަމުރައިދޫ ކިޔާ ރަށެއް ފަތުރުވެރިކަމަށް ދޫކުރެވިފައިވާތާ 8 އަހަރު ވެއްޖެ. އަދި ނާގޯށި ކިޔާ ރަށެއް ފަތުރުވެރިކަމަށް ދޫކުރެއްވިފައިވާތާ 8 އަހަރު ވެއްޖެ. އަދި ނޮޅިވަރަންފަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށްޓަކައި ދޫކުރެވިފައިވާތާ 6 އަހަރު ވެއްޖެ “. ޝަހުދީ ވިދާޅުވި އެވެ.
ސަރުކާރުގައި އާދޭސް ދަންނަވައި ވާހަކަ ދައްކަވަމުން ޝަހުދީ ވިދާޅުވީ މިފަދަ ބިލެއް އަޅުގަނޑުމެންނާ ހަމައަށް އައިސް މިޒޯނު ތަރައްގީ ކުރެވި، އަޅުގަނޑުމެން މިދެކޭ ފަތުރުވެރިކަމުގެ ފޮނި މީރުކަން ވީ އެންމެ އަވަހަކަށް ހދ. އަތޮޅުގެ ރައްޔިތުންނަން ހޯދަވައިދެއްވުމަށް އެދި ސަރުކާރަށް އާދޭސް ދަންނަވާ ކަމަށެވެ.