މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފި އެވެ.
ކުޅުދުއްފުށީގައި ބެހެއްޓި ވޯޓުފޮށިން 336 މީހަކު ވޯޓުލާފައިވާއިރު އޭގެ ތެރެއިން 6 ވޯޓުވަނީ ބާތިލު ވޯޓުގެ ގޮތުގައި ގުނާފަ އެވެ.
އެޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 318 ވޯޓެވެ. ނުފެންނަ ކަމަށް 12 ވޯޓު ލިބިފައިވެ އެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދަށް ކުޅުދުއްފުށީގައި ބެހެއްޓި ފޮށި ލިބިލައްވާފައިވަނީ 314 ވޯޓެވެ. އަދި ނުފެންނަ ކަމަށް 16 ވޯޓު ގުނާފައިވެ އެވެ. ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝިފާޒަށް ލިބިލެއްވީ 308 ވޯޓެވެ. އަދި ނުފެންނަ ކަމަށް 22 ވޯޓު ގުނާފައިވެ އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސާއި ނައިބު ރައީސާއި ޗެއާޕާސަން އަދި ޗެއާޕާސަންގެ ނައިބު ހޮވުމަށް މިއަދު ކުރިއަށްގެންދާ އިންތިހާބުގައި ޗެއާޕާސަންގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވި އުތުރު ޕްރޮވިންސްގެ އެމްޑީޕީ ރައީސް އަލީ ނިޔާޒަށް 7 ވޯޓު ގުނާފައިވެ އެވެ. އަދި އެއް ވޯޓު ނުފެންނަ ކަމަށް ގުނާފައިވެ އެވެ.
ޗެއާޕާސަންގެ ނައިބަށް ވޯޓު ދިނުމަށް ކުޅުދުއްފުށިން ރަޖިސްޓަރ ކޮށްފައިވަނީ 8 މީހުންކަން ފާހަގަކޮށްލެވެ އެވެ.
މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ރާއްޖޭގައި ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔަ މި އިންހާބުގައި ކުޅުދުއްފުށީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އަމީރު އަމީން ސްކޫލުގައި އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީގެ ދަފްތަރުގައި 855 މީހަކު ރަޖިސްޓްރީގައިވެ އެވެ.