ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ ކުރެހުން އަލުން ކުރަހައި މިއަހަރުގެ ފަހުކޮޅު ފައިނަލްކޮށް ނިމޭނެ ކަމަށް ހައުންސިން މިނިސްޓްރީއިން މައުލޫމާތު ދިންކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީއާ ހަވާލާދެއްވާ ޝަހުދީ ވިދާޅުވީ ހަނިމާދޫގައި ސްކޫލު އެޅުމަށް ބޮޑު ބިމެއް ފާސްކޮށްފައިވާ ކަމަށާއި މިހާރު އެ ބިމުގައި އެޅުމަށް ކުރަހާފައިވާ ކުރެހުމަކީ ކުރީގެ ކުރެހުމެއް ކަމަށެވެ.
މިހާރު ކުރަހަމުން ދަނީ ޒަމާނީ ކުރެހުމެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއްވި ކަމަށް ޝަހުދީ ވިދާޅުވި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް ޝަފީގު ވިދާޅުވީ އައު އިމާރާތުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ބިންގާ އެޅި ގޮތަށް މަސައްކަތެއް ނުފަށާ ހުރީ ކަމަށެވެ.
މެންބަރު ޝަހުދީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ހައުސިން މިނިސްޓްރީއާ ކުރެއްވި ބައްދަލުވުމުގައި ދާއިރާއާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ހައުންސިން މިނިސްޓްރީގެ ވެރިންނާ ސުވާލު ކުރެއްވި ކަމަށެވެ.
އެގޮތުން މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ހަނިމާދޫ އައު ސްކޫލުގެ އިމާރާތުގެ އިތުރުން ހަނިމާދޫ މަގު ހެދުމާއި ބެހޭގޮތުން މިނިސްޓްރީއިން ބުނީހަނިމާދޫ މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ބޭނުންވާ ލޯން ހަމަޖެހި އެޑްވާންސް ޕޭމެންޓް ދައްކާފައިވާނެ ކަމަށާއި އަމަލީ މަސައްކަތް ފެށޭނީ ނަރުދަމާ ނިމުމުން ކަމަށް ޝަހުދީ ވިދާޅުވި އެވެ.
ހަނިމާދޫ ޑަންޑެހެލް މަގާއި އިތުރު 12 މަގެއް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސް ވަހީދުގެ ސަރުކާރުގައި އެމްއާރުޑީސީއާ ހަވާލުކޮށްފައިވާއިރު ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އަޅައިފައިވެސް ވަނީ ރައީސް ވަހީދުގެ ސަރުކާރުގަ އެވެ.