ހދ. ނާވައިދޫ އަޅަން ހަމަޖެހިފައިވާ މިސްކިތް އެޅުން ލަސްވެފައިވަނީ ސައުދީ އެހީގެ ގޮތުގައި އަޅައިދިނުމަށް ހަމަޖެހިފައިވާ 10 މިސްކިތް އެއްކޮށް ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެ އެވެ.
ނަވައިދޫ އަޅަން ހަމަޖެހިފައިވާ މިސްކިތަކީ ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުއް އަޒީޒު އަލް ސައުދުގެ އެހީގައި އަޅަން ހަމަޖެހިފައިވާ 10 މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީއާ ހަވާލާދެއްވައި މި ނޫހަށް މައުލޫމާތު ދެއްވަމުން، ޝަހުދީ ވިދާޅުވީ އެ މިސްކިތް އެޅުމަށް ބިން ހަމަޖައްސަފައިވާ ކަމަށެވެ. ނަމަވެސް ބާކީ ހުރި ރަށްރަށުގައި ބިން ހަމަޖެހިފައިނުވާތީ، އެ ރަށްރަށުގައި ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް 10 މިސްކިތް އެއްކޮށް ޓެންޑަރއަށް ހުޅުވައިލާނެ ކަމަށްވެސް މިނިސްޓްރީއާ ހަވާލާދެއްވާ ޝަހުދީ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުއް އަޒީޒު އަލް ސައުދުގެ ޒަކާތުގެ ފަންޑުން ރާއްޖެ އަށް އެއް މިލިއަން ޑޮލަރު ދެއްވައި، 10 މިސްކިތް އަޅައިދެއްވުމަށް ނިންމަވައިފައިވަނީ މި އަހަރުގެ މާރޗު މަހުގެ އެއްވަނަ ދުވަހު އެވެ.
ނާވައިދޫ މިސްކިތުގެ އިތުރުން މި އަހަރު ބަޖެޓުގައި ހިމެނިފައިވާ ހަނިމާދޫ މިސްކިތް ނުފެށި ލަސްވެފައިވާ ސަބަބާ ބެހޭގޮތުން ޝަހުދީ ވިދާޅުވީ ހަނިމާދޫ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް 2 ހަފުތާ ތެރޭގައި 3 ވަނަ ފަހަރަށް ބިޑް ކުރުމަށް ހުޅުވާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ހަނިމާދޫ މިސްކިތް ވަނީ ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލުމުންވެސް ކުރިމަތިލާނެ ފަރާތެއް ވަނީ ނުވެފައެވެ.
މީގެއިތުރުން މިއަހަރު ބަޖެޓުގައި ހިމަނާފައިވާ ހިރިމަރަދޫ ބަނދަރު ހެދުން ލަސްވެފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވީ ހިރިމަރަދޫ ބަނދަރު ނިންމަންޖެހޭ ތާރީހު ފަހަނައަޅާ ގޮސްފައިވާ ކަމަށާއި އެހެންކަމުން މިނިސްޓަރުގެ ޖަވާބެއް ހޯދުމަށް ސުވާލުވެސް ފޮނުއްވާފައިވާނެ ކަމަށެވެ.