ހދ. ނެއްލައިދޫ އާއި އެ އަތޮޅު ކުރިނބީގެ ބަނދަރުގެ މައްސަލާގައި ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިހާރު މެމްބަރު ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން މެންބަރު ނާޒިމް ވިދާޅުވީ މި ދަތުރަކީ ދާއިރާގެ ތިން ރަށުގެ ހާލު ބަލާލަން ކުރައްވަމުންދާ ދަތުރެއް ކަމަށެވެ. އެގޮތުން މިހާރު ވަނީ ނެއްލައިދޫ އާއި ކުރިނބީގެ ހާލަތު ބަލައިލެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެ ރަށަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ މައްސަލަ ކަމަށާއި އެގޮތުން ސަރުކާރުން ނޭކުރެންދޫ ބަނދަރާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތައް ދިމާ ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ބޭރު ތޮށި ނާޅައި އެއްގަމު ތޮށި ނޭޅޭނެ ކަމަށް ކަމަށާއި އެހެންނަމަވެސް ކުރިނބީ ބަނދަރުގައި ތޮށި އަޅާފައިވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކުރިނބީއަށް ކެންޕެއިން ދުވަސްވަރު ރައީސް ޔާމީން ވަޑައިގަތުމުން ރައްޔިތުން ވަނީ އެ ބަނދަރު ދިގުކޮށްދިނުމަށް އެދިފައި ކަމަށެވެ. އަދި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވައުދެވެ ވަޑައިގަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި މިނިސްޓްރީއަށް މިކަމާ ބެހޭގޮތުން ސިޓީއެއް ހުށަހެޅި ކަމަށާއި ނަމަވެސް މިހާރު މިނިސްޓްރީން ވިދާޅުވަނީ ކުރިނބީ ރައްޔިތުން އެދިފައިވަނީ ބަނދަރު ދިގުކުރުމަށް ނޫން ކަމަށާއި ބަނދަރު ފުޅާކުރުމަށް އޭނާ ވިދާޅުވި އެވެ.
މިއީ މިނިސްޓްރީން ހުރިހާ ލިޔެކިޔުންތަކާވެސް ހިލާފަށް ވިދާޅުވެފައިވާ އެއްޗެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ބަނދަރު ނުނިމި ލަސްވެގެންދާ ދިއުން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަން ބޮޑެތި އުދަގޫ ތަކާ ދިމާވަމުން އަންނަކަމަށެވެ.
މި ދަތުރުގައި ތިން ރަށުގެ ސަރުކާރު މުވައްސަސާތަކާއި ސްކޫލާއި ޕްރީސްކޫލުތަކާއި ބައްދަލު ކުރާނެ ކަމަށާއި އަދި އެދިލެއްވި ކޮންމެ ފަރާތަކާއި ބައްދަލުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
.