ހދ އަތޮޅަށް ރިސޯޓެއް ގެނެސް ފަތުރުވެރިކަން ގާއިމުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިން” އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ހދ އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެކަމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދެއްވާނެ ކަމަށެވެ.
ހދ އަތޮޅުގެ މީޑިޔާތަކުން އިއްޔެ ފަށާފައިވާ “ހދ ފަތުރުވެރިކަމަށް ދަހިވެފައި” ކެމްޕެއިނާ ބެހޭގޮތުން ނާޒިމް ވިދާޅުވީ އެއީ ކުރަން ލަސްވެފައިވާ، ސީރިއަސް ކަމާއެކު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މި ކެމްޕޭނަށް އޭނާގެ ތާއިދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހދ އަތޮޅު ކައުންސިލުން އަތޮޅަށް ތަރައްގީ ގެނައުމަށް ކުރައްވަމުންގެންދާ އަގުހުރި މަސައްކަތަށް ހދ އަތޮޅުގެ ރައްޔިތެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ކަމަށެވެ. ހދ އަތޮޅު ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށް ސިފަކުރައްވާ ނާޒިމް ވިދާޅުވީ އެ ކައުންސިލުން މާލެ ގޮސް ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.
ހދ އަތޮޅުގެ ތަރައްގީ އާއި އަތޮޅުގެ ރަށްރަށަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް އަތޮޅު ކައުންސިލުން ދައުލަތުގެ 6 މިނިސްޓްރީ އަކާއި ސަރުކާރުގެ 10 މުއައްސަސާއަކާ މިދިޔަ މަހު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
ނޫސްވެރިންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އިޖްތިމާއީ ޒިންމާ އަދާކުރުމުގެ ނިޔަތުގައި ހދ ނިސްބަތްވާ އޮންލައިން 8 ނޫހަކާއި، އަވަށްޓެރި ށ. އަތޮޅަށް ނިސްބަތްވާ އޮންލައިން ނޫހެއް އިސްނަގައިގެން އިއްޔެ ފެށި “ހދ ފަތުރުވެރިކަމަށް ދަހިވެފައި” ކެމްޕޭނަކީ ހދ އަތޮޅުގައި ރިސޯޓެއް ގާއިމުކުރުމަށް “ޑިމާންޑް” ކުރުމަށް ފަށާފައިވާ ކެމްޕޭނެކެވެ.
ހދ އަތޮޅުގެ ތިން ރަށެއް ފަތުރުވެރިކަމަށް ދޫކޮށްފައިވާއިރު އެއިގެ ތެރެއިން އެންމެ ރަށެއްވެސް އަދި މިހާތަނަށް ހުޅުވާފައެއް ނުވެއެވެ.