twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅަށް ތަރައްގީ ގެނައުމަށް އެދި ރައީސް ޔާމީނަށް އިލްތިމާސް ކުރައްވައިފި

Sep 2, 2014

ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ހދ އަތޮޅަށް ތަރައްގީ ގެނައުމަށް އެދި ރައީސް ޔާމީނަށް އިލްތިމާސްކޮށް ސިޓީއެއް ފޮނުވައިފި އެވެ.

މި ސިޓީގައި ޝަހުދީ ވަނީ ހދ އަތޮޅަށް ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންކަން ފާހަގަކޮށް އެކަންކަން ފުރިހަމަކޮށް ދިނުމަށް އެދިފަ އެވެ.

އެގޮތުން ހދ އަތޮޅު އެންމެ އާބާދީ ބޮޑު އެއް އަތޮޅަށް ވެފައި މި އަތޮޅުގައި ރިސޯޓެއް ގާއިމުވެފައިނުވާ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އަދި މި އަތޮޅުގައި ފަތުރުވެރިކަން ފެށިފައިނުވުން ނިމުމަކަށް ގެނެސްދެއްވާ ސަރުކާރަށްވީ އެންމެ މަތީ ދަރަޖައަކުން އަވަސް ފިޔަވަޅުތަކެއް އަޅުވައިދެއްވުމަށް މެމްބަރު ޝަހުދީ އެދިފައިވެ އެވެ.

އަތޮޅުގައި ފަތުރުވެރިކަމުގެ މަސައްކަތަށް އެންމެ އެކަށޭނެ އެއްރަށްކަމަށްވާ ވައިކަރަމުރައިދޫ ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވައި އެރަށުގެ ބަދަލުގައި ދަނޑުވެރިކަމަށް އެކަށޭނެ އެހެން ރަށެއް ކަނޑައަޅުއްވައި ދެއްވުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

މީގެ އިތުރުން އެސްއީޒެޑް ގާނޫނުގެ ތެރެއިން ހދ އަތޮޅުގެ ރައްޔިތުންނަށް އެންމެ ފުރިހަމަ މަންފާއެއް ލިބޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ފަރުމާ ކޮށްދެއްވުމަށްވެސް އެދިފައިވެ އެވެ.

އަދި ހަނިމާދޫ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީވެގެން ދިއުމަކީ އުތުރުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވެސް ޝަހުދީ އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަތޮޅުން މީހުން ދިރިއުޅޭ ރަށެއްގެ ބަޔަކާއި، 3 ފަޅުރަށް ކުއްޔަށްދީފައިވާތާ ވަނީ ގިނަ އަހަރުތަކެއްވެފަ އެވެ. ނަމަވެސް އޭގެން އެއްވެސް ރަށެއް ރިސޯޓެއްގެ ގޮތުގައި އޮޕަރޭޓްކުރެވެން ފަށާފައިއެއްނުވެ އެވެ.

ހދ އަތޮޅަށް ފަތުރުވެރިކަން ގެނެސް މި އަތޮޅު ތަރައްގީކުރުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355