ހދ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްތައް ނުހެދިވާ ސަބަބު ހޯދައި އެކަމާ މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފި އެވެ.
“ކުޅުދުއްފުށި އޮންލައިނަ”ށް މައުލޫމާތު ދެއްވަމުން މެމްބަރު ޝަހުދީ ވިދާޅުވީ ހދ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކުރެވި ނުހެދި ހުރި ރަށްތަކުގެ ކަންތައް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވި ކަމަށެވެ.
މިނިސްޓަރ އަދީބާ ހަވާލާދެއްވާ ޝަހުދީ ވިދާޅުވީ މިނިސްޓްރީގެ ލީގަލް ޓީމާ އެ މައްސަލައާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މަހެއްހާ ދުވަސްތެރޭ އެޅެންހުރި ފިޔަވަޅުތައް އެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި ކަމަށް ޝަހުދީ ވިދާޅުވި އެވެ.
ހދ އަތޮޅުގައި މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކަރަމުރައިދޫ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް އެދި ރައީސް ޔާމީނަށާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށްވެސް މިނިސްޓަރ އަދީބު ވިދާޅުވި ކަމަށް ޝަހުދީ ވިދާޅުވި އެވެ.
އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން އެސްއީޒެޑްގެ ތެރެއިން ކުރިއަށް ގެންދަވަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރާ ހަވާލާދެއްވާ ޝަހުދީ ވިދާޅުވި އެވެ.
ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިޔަމުން ދާ ސިލްސިލާގެ ޚަބަރެކެވެ.