ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.
ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ހދ އަތޮޅު ކައުންސިލުގެ މީޑިޔާ ކޯޑިނޭޓަރ އަބުދުލް މުހައިމިން ވިދާޅުވީ ކޮންމެ އަންގާރަ ދުވަހެއްގައި ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ދަތުރުކުރަން ހަމަޖެހިފައިވާ މި ލޯންޗު ފެރީގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު އިއްޔެ ދަތުރު ކޮށްފައިވަނީ 3 ޕަސެންޖަރުން ކަމަށެވެ.
މުހައިމިން ވިދާޅުވީ ރައްޔިތުންނަށް މި ހިދުމަތާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށް އިޝްތިހާރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ފެރީ ލޯންޗުގައި 2 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާރޖެއް ނުނަގާއިރު 2 އަހަރުން މަތީގެ ކޮންމެ ފަސެންޖަރަކަށް އެއްކޮޅު ނަމަ ޓިކެޓްގެ އަގަކީ 300 ރުފިޔާ އެވެ. އަދި ދެ ކޮޅު ނަމަ 500 ރުފިޔާ އެވެ.
ކުޅުދުއްފުށިން ނަމަ ޓިކެޓް ހދ އަތޮޅު ކައުންސިލުގެ އިދާރާއިން ލިބެން ހުންނައިރު ހަނިމާދޫއިން ނަމަ ޓިކެޓް ލިބެން ހުންނާނީ މާރެސް ލޯންޗުންނެވެ.
މި ލޯންޗު ކުޅުދުއްފުށިން 9:30 ގައި ފުރަން ހަމަޖެހިފައިވާއިރު ހަނިމާދޫއިން ފުރަން ހަމަޖެހިފައި އޮންނަނީ 12:30 ގަ އެވެ