އަޕަރ ނޯތް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށާއި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ސެޕްޓެމްބަރ 4 ގެނިޔަލަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މައުލޫމަތު ދެވިގެންދާނީ ކުށްކުރާ ކުދިންނާމެދު އަމަލު ކުރަމުންދާ ގޮތްތަކާއި ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނާއި ކުޑަކުދިން ކުށްތަކުން ދުރުކުރުމަށް ހޭލުންތެރިކުރުވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
21 ފުލުހަކު ބައިވެރިވި މި ޕްރޮގްރާމްގައި މަޢުލޫމާތު ދެނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުން ނެވެ.