ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މިއަދު ހެނދުނު ބަންދުކުރި ކުމުންދޫ ސިއްހީ މަރުކަޒު އަލުން ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ކުމުންދޫ ސިއްހީ މަރުކަޒު ބަންދުކުރީ އެމަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ. ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިންގުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަލީ ވިދާޅުވީ ކުމުންދޫ ކައުންސިލުގެ އެއްބާރުލުމާ އެކު އަލުން ކުމުންދޫ ސިއްހީ މަރުކަޒު މިއަދު 11 ޖެހި ހުޅުވާ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ހަދީޖާ ވިދާޅުވީ ކުމުންދޫ ސިއްހީ މަރުކަޒުގައި ހުންނެވި ޑޮކްޓަރ ވީ އާއިލީ ޒިންމާގެ ޗުއްޓީގައި ކަމަށާއި ޑޮކްޓަރ ޗުއްޓީ ނެންގެވުމުން އިތުރު ޑޮކްޓަރެއް ނުފޮނުވުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް މިވަގުތު ޑޮކްޓަރުން މަދުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެހެންނަމަވެސް ހޮނިހިރު ދުވަހު ކުމުންދޫ ސިއްހީ މަރުކަޒަށް ޑޮކްޓަރެއް ހަމަޖެހިގެންދާނެ ކަމަށެވެ.