ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އިން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތައް ހާސިލުކޮށްފައިވާ ދަރިވަރުންނަށް އިނާމާ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މިމުބާރާތުގައި ބައިވެރިވެ ވަނަތައް ހާސިލުކޮށްފައިވާ ދަރިވަރުންނަށް އިނާމާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ޝަފީގާއި ހަނިމާދޫ ކައުންސިލްގެ ރައީސް އާދަމް އިބްރާހީމްގެ އިތުރުން ހަނިމާދޫ ކައުންސިލް މެމްބަރ ހަސަން ސަލީމްއާއި ހަނިމާދޫ ޕޮލިސްޓޭޝަންގެ އިންޗާޖް އަބޫބަކުރު މުހައްމަދު ކަމަށެވެ.
ޖުމްލަ 137 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ބަލައިގެން ކިޔުމުގެ ބައިން އެންމެ މޮޅު ބައިވެރިއަކަށް އައިޝަތު ޝައްމާއު ހޮވިފައިވާއިރު މި މުބާރާތުގެ ހިތުން ކިޔުމުގެ ބައިން އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައިވަނީ މަރިޔަމް ޝައުފާ އެވެ. މިއީ މަރިޔަމް ޝައުފާ މި މަގާމް ޖެހިޖެހިގެން ހޯދި ތިންވަނަ އަހަރެވެ.
ޖަލްސާގެ ޝަރަފުވެރި މެހެމާން ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މުބާރާތުން އެކި އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި އަދި ވަނަ ހާސިލު ކުރެވިފައިނުވާ ދަރިވަރުންނަށް ކުރިއަށްއޮތް މުބާރާތަށް ތައްޔާރުވުމަށް މިހާރަށްވުރެ ބުރަކޮށް މަސައްކަތްކުރުމަށް ހިތްވަރު ދެއްވާފައިވެ އެވެ.
އަދި މީގެ އިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫގައި މިފަދަ ހަރަކާތްތައް ހިންގަމުން ގެންދާކަމަށްޓަކައި ޖަމިއްޔާގެ އެންމެހާ މެމްބަރުންނަށް އެގޮތުގައި ކުރިޔަށްދިޔުމަށް ހިތްވަރު ދެއްވި އެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އަދި ކޯ ސްޕޮންސަރ ގޮތުގައި ސޮނީ ހާޑްވެއާރ އިން ބޮޑު އެއްބާރުލުމެއް ދެއްވާފައިވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. މިއީ މިމުބާރާތް އެސް.ޓީ.އޯ އިން ސްޕޮންސަރކުރި ފުރަތަމަ ފަހަރެވެ.
އަދި މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރ ހުސައިން ޝަހުދީވެސް ވަނީ މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ބޮޑުއެހީތެރި ކަމެއް ވެދެއްވާފައި ކަމަށްވެސް އެ ޖަމިއްޔާއިން ބުނެ އެވ. އެ ފަރާތްތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޖަލްސާގައި ހަނދާނީފިލައެއް ދީފައި ވެއެވެ.
މިޖަލްސާގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް އިބްރާހީމް ހަލީލް ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި މުބާރާތުގެ ބައިވެރިން އަހަރަކަށްވުރެ އަހަރެއް ގިނަވެ އަދި މަޑުމަޑުން ކުދިންގެ ކިޔެވުންވެސް ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއަށްވުރެ ބާރުދުވެއްޔެއްގައި މިހުނަރު ކުރިއެރުވުމަށް ރަށުގައި ދާއިމީ ގޮތެއްގައި ހިންގޭ ގުރުއާން ކުލާހެއް ހުރުމުގެ މުހިންމުކަމާއި މި ދާއިރާއިން މަތީ ތައުލީމަށް ގިނަކުދިންތަކެއް ފޮނުވުމަށް ބެލެނިވެރިންނަށް ހަލީލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި މުބާރާތަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގި 11 ވަނަ ގުރުއާން މުބާރާތެވެ.
[yass cats=112]