ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ލަސްވެފައިވާ ރަށްތަކާމެދު ވަރަށް އަވަހަށް ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ލިރާރު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލިރާރު ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާތަނަށް ތަރައްގީ ނުވެ ހުރި ރަށްތަކާމެދު ކަންތައް ކުރާނެ ގޮތެއް ވަރަށް އަވަހަށް ސަރުކާރުން ނިންމާނެ ކަމަށާއި އެއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހދ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ނުހެދި ގިނަ އަހަރުތަކެއް ވަމުންދަނީ ރަށް ތަރައްގީ ކުރުމަށް ހަވާލުވި ފަރާތްތަކުގެ ފައިނޭޝަލް ދަތިތަކެއް ހުރުމުން ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި އެވެ. އަދި ރަށްތައް ނުހެދިފައިވަނީ ސަރުކާރުން ހުރަހެއް އަޅާތީ ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލިރާރު އިތުރަށް ވިދާޅުވީ ސަރުކަރުން ދަނީ އެ ފަރާތްތަކަށް އެއްބާރުލުން ދެމުން ކަމަށާއި ރަށްތައް ހަވާލުކުރެވިފައިވާ ފަރާތަކަށް ދިމާވެފައިވާ ދަތިތައް ބެލުމަށް މިނިސްޓްރީއަށް ހާޒިރުވެސް ކުރެވިފައި ވާނެ ކަމަށެވެ.
ސަރުކާރުން ވަނީ އެގްރިމެންޓާއި އެއްގޮތަށް މަސައްކަތް ކުރުމަށް ނޯޓިސްވެސް ދީފައި ކަމަށާއި އިތުރަށް މުއްދަތުވެސް ދީފައި ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓު ހަދަން ހަވާލުކޮށްފައިވާ ފަރާތްތަކަށް ފަހިކޮށް ދެވެން ހުރި ހުރިހާ ކަމެއް ފަހިކޮށްދީފައިވާ ކަމަށާއި އެހެންނަމަވެސް އުމުރު ދުވަހަށް އެ ރަށްތައް އެ ގޮތަށް ދޫކޮށްލައިފައި ނުބަހައްޓާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި ގޮތުގައި ހދ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ނުހެދި ގިނަ އަހަރުތަކެއް ވެގެން ދިއުމުން އެކަމުން ގެއްލުން ލިބެނީ ހަމައެކަނި ހދ އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެއްލުން ވަމުންދާ ކަމަށެވެ. އަދި ދައުލަތަށް ލިބެންވާ އާމްދަނީ ނުލިބި އެގޮތަށް ރަށްތައް އެތައް އަހަރެއްވަންދެން “ބްލޮކް”ވެފައި އޮތުމުން ދައުލަތަށްވެސް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.
ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.