މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ސްޓޭޖް ޝޯ އަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ ޓްރެފިކް ޖޭމް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީދު ކުޅިވަރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.
ޓްރެފިކް ޖޭމްގެ އިތުރުން އަދި އިތުރު މިއުޒިކް ބޭންޑަކާއި ޑާންސް ގްރޫޕެއް ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެހެންނަމަވެސް އަދި ހުރިހާ ކަމެއް އެއްކޮށް ހަމަ ނުޖެހޭކަމަށް އީދު ކުޅިވަރު ރޭވުމުގައި އިސްކޮށްއުޅޭ ފަރާތެއް ކަމަށްވާ އާދަމް މޫސާ ވިދާޅުވި އެވެ.
އޭނާ ބުނީ އަލްހާ އީދު ކުޅިވަރުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ބަޖެޓް އަދި ހަމަނުޖެހޭކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މިކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތްތައް ކަމަށް އޭނާ މައުލޫމާތު ދިނެވެ. މިއުޒިކް ބޭންޑްތައް ހޯދުމަށްޓަކައި މިއުޒިކް ހޯމް ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އާދަމް ފާހަގަ ކުރި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުޅުއްދުއްފުށީގައި ކުރިއަށްގެންދާ ސަގާފީ ކުޅިވަރުތައް ކަމުގައިވާ ދަމުހިނގުމާއި މަށިމާލި ފަދަ ކުޅިވަރު ކުރިއަށް ދާނެކަމަށެވެ. އޭނާ ވިދާޅުވީ އީދު ކުޅިވަރުތައް ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
އެހެން އަހަރު ތަކާ ހިލާފަށް މިއަހަރުގެ އަލްހާ އީދުގެ ކުޅިވަރުތައް ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 އަވަށް އެއްކޮށްލައިގެންނެވެ. އެކަމަށްޓަކައި މިހާރު ވަނީ އީދު ކުޅިވަރުގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާފަ އެވެ.