twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ. ކުޑަމުރައިދޫ 3 އޭއަށް ދޫކުރިފަހުން 8 އަހަރު، މަސައްކަތަށް ސުމެއް

Sep 11, 2014

ހދ. ކުޑަމުރައިދޫއަކީ ހދ.އަތޮޅުން ފަތުރުވެރިކަމަށް ދޫކުރި ދެވަނަ ރަށެވެ. ކުލި ކޮންޓްރޯލް ކޮށްގެން 2006 ވަނަ އަހަރު ދޫކުރި 5 ރަށުގެ ތެރެއިން އެންމެ ގިނަބަޔަކު ވާދަކުރި އެއްރަށަކީ ކުޑަމުރައިދޫއެވެ. ކުޑަމުރާދޫގެ ބިޑް ގުރުއަތުން ކާމިޔާބުކޮށްފައިވަނީ ޖިހާދު އެންޑް ހުސައިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ކުންފުނީގެ ޑިރެކްޓަރުންނަކީ އިބްރާހިމް ޖިހާދު، މ. ތްރީއޭވިލާ އާއި ހަމަ އެގޭ ހުސައިން ޝިޔާމް އަބްﷲ ޢަލީއެވެ.

މިހާރު 3އޭ ކޮންޕެނީގެ ބެލުމުގެ ދަށުގައިވާ ކުޑަމުރައިދޫގެ ބިޑަށް އެއިރު ބައެއް ބޮޑެތި ވިޔަފާރިވެރިން، ތަފާތު ނަންނަމުގައި 200 ވަރަކަށް ބިޑު ހުށައަޅައި ނާކާމިޔާބުވެފައިވާކަމަށް އެދުވަސް ވަރު ނޫސްތަކުގައި ޙަބަރު ފެތުރިފައިވެއެވެ. 626 ބިޑުގެ ތެރެއިން އިއްތިފާގުން ނަމަވެސް ދިމާވީ ހދ.އަތޮޅުން އެންމެ ފުރަތަމަ ރިސޯޓްހަދަން ހޮނޑާފުށި ދޫކޮށްފައިވާ ފަރާތްކަމަށްވާ 3އޭއަށެވެ. އެދުވަސް ވަރަކީ 3އޭއިން ގިނަ ބިޑް ތަކެއްގައި ބައިވެރިވެ ކާމިޔާބު ކޮށްފައިވާ ދުވަސް ވަރެކެވެ. އެގޮތުން ށ.އަތޮޅުގައި އެކުންފުނިން ތަރައްޤީކޮށް ނިމުމަކާ ގާތްވެފައިވާ ދޮޅިޔަދޫ ފާހަގަ ކޮށްލެވެއެވެ.

ކުޑަމުރައިދޫގެ 10 އަހަރު ކުލީގެ %15 ގެ ގޮތުގައި 2.6 މިލިޔަންޑޮލަރު ސަރުކާރަށް 21 ދުވަސް ތެރޭ ވަނީ ދައްކާފައެވެ. ކުޑަމުރައިދޫގެ 10 އަހަރު ކުލީގެ ޖުމްލަ އަގަކީ 17.27 މިލައަން ޑޮލަރެވެ. އިމާރާތް ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން ދީފައިވަނީ 8 އޭޕްރީލް 2007 ގައެވެ. އެހެން ނަމަވެސް އެރަށުގައި ގުދަނެއް އެޅުން ފިޔަވައި އިތުރު މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައެއްނެތެވެ. 4 ވަރަކަށް ބިދޭސީން ރަށް ބެލެހެއްޓުމަށް އެރަށުގައި ބައިތިއްބާފައިވާއިރު އެރަށް ބޭނުން ކުރެވެމުން ދަނީ 3އޭގެ ގުދަނެއްގެ ގޮތުގައެވެ. 2010 ވަނަ އަހަރު ކުޑަމުރައިދޫ އިން ވެލިނަގައިގެން ށ. އަތޮޅު ދޮޅިއަދޫއަށް ގެންދަނިކޮން ފުލުހުންނާއި އަތޮޅު ކައުންސިލުންވަނީ ހުއްޓުވާފައެވެ. 5000 ބަސްތާ ވެލި ނެގި މައްސަލައެއް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީން ބަލައިފާވެއެވެ.

250 އެނދާއެކު ތަރައްޤީކުރަން 25 ޖޫން 2006 ގައި ކުއްޔަށްދެވިފައިވާ ހދ. ކުޑަމުރައިދޫ ހުޅުވުމަށް އެގްރީމެންޓް ކުރެވުނުއިރު ބުނެފައިވަނީ 16 އޭޕްރީލް 2010 އެކެވެ. މިރަށް ތަރައްޤީ ކުރުމަށް ހަވާލުކުރެވިފައިވާތާ 8 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއި މަސައްކަތުގެ %1 ވެސް ނިމިފައި ނުވުމަކީ ރައްޔިތުން ސުވާލު އުފައްދާނޭ ކަމެކެވެ. ބަހަނާއެއްގެ ގޮތުގައި ފައިސާއެއް ނެތޭ ބުނުމަކީ ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. އިންވެސްޓް ކުރެވޭނޭ ޤާބިލްކަން ނެތްނަމަ ގެއްލުމުން ސަލާމަތް ވުމަށް ރަށް ވިއްކާލުން ނުވަތަ ރީތި ގޮތުގައި ދޫކޮށްލުމީ ވިޔަފާރިވެރިންގެ އުސޫލު ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355