twitterviber whatsapp telegramfacebookyoutube instagram
14th May 2025

ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް އިން ކުރިއަށް ގެންދާ މަދަހަ މުބާރާތް ފެށިއްޖެ

Sep 13, 2014

ކުޅުދުއްފުށީގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދާން އޭރިޔާއިން ކުރިއަށް ގެންދާ މަދަހަ މުބާރާތް  ފެށިއްޖެ އެވެ.

ކުޅުދުއްފުށީގެ 5 ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލާއި ހދ އޭއީސީ އާއި އަމީރު އަމީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީ ސްކޫލްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް މުހައްމަދި އައިމަން އެވެ.

މިފަދަ މުބާރާތެއް އެމްއެންޑީއެފް އިން އިސްނަގައިގެން ކުރިއަށް ގެންދާތީ އެ ފަރާތަށް ޝަރަފުވެރިމެހެމާނު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އަދި މިފަދަ މުބާރާތްތަކުގެ މުހިއްމު ކަމުގެ މައްޗަށްވެސް ޝަރަފުވެރިމެހެމާނު ވަނީ ވާހަކަ ދައްކަވާފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ސްކޫލްތަކުގެ އިސްވެރިނާއި ކައުންސިލް މެންބަރުން ބައިވެރިވެފައިވާއިރު މުބާރާތުގެ ބައިވެރިންނާއި ބެލެނިވެރިން ބައިވެރިވެފައިވެ އެވެ. މި ރަސްމިއްޔާތުގައި އެމްއންޑީއެފްގެ ފަރާތުން ކޯޕްރަލް އަހުމަދު ހަސަން މަދަހައެއް ހުށަހަޅައިދިންއިރު އާންމުންގެ ތެރެއިން އަބުދުއްރަޝީދު (ދޮނޭ) ވަނީ މަދަހައެއް ހުށަހަޅައިދީފަ އެވެ.

އިއްޔެ ހެނދުނު ފެށި މި މުބާރާތް މިއަދު ވެސް ކުރިއަށް ދާނެއެވެ. ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ހުސެއިން އަލީ އާއި އަހުމަދު އާތިފް އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް މަދަހަ ކިޔުމުގެ ހުނަރު ދަރިވަރުންގެ ގައިގައި އަށަގެންނެވުން ކަމަށެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355