“ދުޅަހެޔޮ ސިއްޙަތެއް – ދުޅަހެޔޮ ގުޅުމެއް” މި ޝިއާރުގެ ދަށުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކުރިޔަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެކައުންޓަބިލިޓީ ހޯދައިފި އެވެ.
އެކައުންޓަބިލިޓީ ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ ފައިނަލް މެޗްގައި އެޑިއުކޭޝަން ޓީމާއި ބައްދަލުކޮށް 4-6 ނެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް އެކައުންޓަބިލިޓީ ޓީމްގެ މުހައްމަދު ހަސަން ހޮވިފައިވާއިރު 11 ލަނޑު ޖަހައިގެންއެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެސްޕެކްޓް ޓީމްގެ އަހުމަދު އިބްރާހިމް އެވެ.
ޖުމްލަ 06 ޓީމް ބައިވެރިވި މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރެސްޕެކްޓް ޓީމެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު 05 ކުޅުންތެރިންނަށް ހޮވިފައިވަނީ އެޑިއުކޭޝަން ޓީމްގެ އަބްދުލް މަޖީދު އާއި ރެސްޕެކްޓް ޓީމްގެ އަހުމަދު އިބްރާހިމް އާއި އެކައުންޓަބިލިޓީ ޓީމްގެ އަހުމަދު މުހައްމަދު އާއި ކޮންޕެންޝަން ޓީމްގެ މުހައްމަދު ހުސައިން އެވެ.
މި މުބާރާތުގެ ވަނަވަނަ އަށް އައި ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށް ދެއްވާފައިވަނީ ފައިނަލް މެޗްގެ ޝަރަފްވެރި މެހާމާން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް އެވެ.
މި މުބާރާތުގައި ކުޅުދުއްފުށީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އާއި ހދ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުވެސް ބައިވެރިވި އެވެ.
މި މުބާރާތަކީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކުވެރިކަން އާލާކޮށް ދުޅަހެޔޮ ސިއްޙަތެއް ދެމިތިބުމަށް ބާރުއެޅުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދިޔަ މުބާރާތެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށް ފަންޑުކޮށްގެން ބާއްވި މި މުބާރާތުގެ އެކި ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށާއި ޓީމްތަކަށް ދޭ އިނާމުތައް ހަދިޔާކޮށްފައިވަނީވެސް ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ ހަދިޔާކޮށްފައިވަނީ އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކުރީގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ކަމަށެވެ.