ޖަލާލުއްދީން ސްކޫލުގެ މަސައްކަތުމީހުންގެ ވަޒީފާގައި އުޅުނު 8 އަންހެނުންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބުދުލް ބާރީގެ މައްޗަށް އެ ކުށް ސާބިތު ނުވާކަމަށް ނިންމައި ހައިކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހެކިބަސް ދިން މީހުންގެ ހެކިބަހުންނާއި، އެމައްސަލައިގައި ހިމެނޭ 8 މީހުންގެ ބަހުންވެސް އަބްދުލް ބާރީ އެމީހުންނާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި 30 އެތިފަހަރުން ތައުޒީރުކޮށް 5 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
ހދ. ކުޅުދުއްފުށީ މޭބިސްކަދުރުގޭ އަބްދުލްބާރީ އަބްދުއްރަހުމާން ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން ބާރީގެ މައްޗަށް އުފުލާފައި ވަނީ އަށް މީހަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ ދައުވާ ކަމަށް ވި ނަމަވެސް އޭނާއާ ދެކޮޅަށް ހެކިބަސް ލިބިފައިވަނީ އެންމެ މީހަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގިކަމަށް ކަމަށެވެ.
އެހެންކަމުން އެންމެ މީހަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް، އެންމެ މީހަކު ބުނެފައިވާ ބުނުމަކީ ދައުލަތުގެ ދައުވާގައި ބުނާ އަށް މީހަކާ މެދު ބާރީ އެފަދަ އަމަލެއް ހިންގިކަން ސާބިތުވާ މިންވަރަށް ހެކި ލިބޭ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދިން މީހާ ފިޔަވައި ދެން ތިބި ހުރިހާ ހެކިން ވެސް ހެކިބަސް ދީފައި ވަނީ ތަހުގީގު ބަޔާނެއް އޮންނާނެ ކަމަށް ބުނެ އެ ބަޔާނާ ހަވާލާދީފަ އެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ މީހުން ތަހުގީގުގައި ދީފައިވާ ބަޔާނަކީ އެ މައްސަލަ ސާބިތުކުރަން ފުދޭ ހެއްކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވާފައިވާ ހުކުމުގައިވެ އެވެ.
ޖަލާލުއްދީން ސްކޫލުގެ ސަރުދާރުކަމުގެ މަގާމުގައި ހުރި ބާރީ އެ ސްކޫލުގެ މަސައްކަތު މީހުންތަކަކާއެކު އެކި ފަހަރުމަތިން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެވެ.