އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ބާއްވައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ޖަލާލުއްދީން ސްކޫލުގެ ލީޑިން ޓީޗަރ އައިމިނަތު މުހައްމަދު ވިދާޅުވީ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއަކީ އިކޯ ކްލަބްއިން އިސްނަގައިގެން ބާއްވާފައިވާ އެސެމްބްލީއެއް ކަމަށެވެ.
އިކޯ ކްލަބްގެ ކުރީގެ މެމްބަރ ޝާމިލް އިބްރާހިމް ޝަރަފުވެރިކޮށްދެއްވި މި އެސެމްބްލީގައި އޯޒޯން ދުވަހަށް އިކޯ ކްލަބުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ވަނީ ނެރެފަ އެވެ.
އަދި މި އެސެމްބްލީގައި އޯޒޯނާ ބެހޭގޮތުން ވީޑިޔޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަޅާފަ އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އައިމިނަތު މުހައްމަދު ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު އިކޯ ކްލަބުން “ގްރީން ޑޭ” ގެ ނަމުގައި ތިމާވެއްޓާ ރައްޓެހި ދުވަހެއް ފާހަގަ ކުރަން ނިންމާފައިވާ ކަމަށެވެ.
“ގްރީން ޑޭ”ގެ ނަމުގައި ކޮންމެ އަހަރަކު އިކޯ ކްލަބުން ހާއްސަ ދުވަހެއް ފާހަގަކުރާއިރު އެ ދުވަހުގައި ޓީޗަރުންނާއި ދަރިވަރުން އިންޖީނުލީ އުޅަނދު ބޭނުންނުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ޖަލާލުއްދީން ސްކޫލުގެ އިކޯ ކްލަބަކީ ތިމާވެއްޓާ މެދު އާންމުން ހޭލުންތެރިކުރުވައި ތިމާވެށި ރައްކާތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ސްކޫލް ފެންވަރުގައާއި ރަށު ފެންވަރުގައި ހިންގަމުން އަންނަ ކްލަބެކެވެ.