މި އަހަރުގެ ފުރަތަމަ 2 ކުއާޓާގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިތައް ހިމެނިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ލިސްޓުގައި ކުޅުދުއްފުށީގައި ހިންގާ ތިން ވިޔަފާރިއެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ރިއަލް ޕޮއިންޓް އާއި ކުޅުދުއްފުށީގެ ބޮޑެތި ވިޔަފާރީގެ ތެރޭގައި ހިމެނޭ ބަރާބަރު ފިހާރައިގެ އިތުރުން ކުޅުދުއްފުށީގައި ފުރަތަމަ ހުޅުވި ޓްއަރިސްޓް ގެސްޓް ހައުސް ހިންގަމުން އަންނަ ފަމޯސޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
އަދި މީގެއިތުރުން ހދ އަތޮޅުގެ އިތުރު ދެ ތަނެއް މި ލިސްޓްގައި ހިމަނާފައިވެ އެވެ. އެއީ ހދ. މާވައިދޫގެ އަބްދުﷲ އިންވެސްޓްމެންޓާއި ހަނިމާދޫގެ ހޮލިޑައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ހއ އަތޮޅުގެ 4 ތަނެއް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓްގައި ހިމަނާފައިވާއިރރ ށ އަތޮޅުގެ 2 ތަނެއް މި ލިސްޓްގައި ހިމެނިފައިވެ އެވެ. އެއީ ހއ.ދިއްދޫގެ ދެ ތަނަކާއި ހއ. ހޯރަފުށީ ދެ ތަނެކެވެ. އަދި ށ. ބިލެއްފަހި އަދި އެ އަތޮޅު މާއުނގޫދޫގެ ތަނެކެވެ.
މީރާއިން ކުރިން ބުނެފައިވަނީ، ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް އެތަކެއް ފަހަރު ފޯނުން ގުޅައި ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ކިޔައި ދެވިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އީމެއިލް، އެސް.އެމް.އެސް އަދި އަތޮޅު ކައުންސިލްތައް މެދުވެރިކޮށްވެސް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްކުރެވުނު ކަމަށެވެ.
އެޑިޓަރުގެ ނޯޓް: މި ހަބަރު ޝާއިއުކުރި ފަހުން ވަނީ އިސްލާހު ގެނެވިފައެވެ.