އަތޮޅުތަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ނުލިބޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމުން ތައްޔާރުކޮށްފައިވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު) ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންފަދަ ތަފާތު އެކިއެކި ބަލިތަކަށް ހާއްސަ ފަރުވާ ދޭނެ ޑޮކްޓަރުންނާއި ބޭނުންވާ ތަކެތި ނެތްކަން ފާހަގަ ކުރެވެއެވެ.
ސިއްހީ ދާއިރާގައި ހިނގާފައިވާ އެކިއެކި ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ސިއްހީ ދާއިރާގައި އެކިއެކި ފަރާތްތަކަށް ދިމާވެފައިވާ ހާދިސާތަކާ ބެހޭ މައުލޫމާތު އެ ކޮމިޝަނުން އަތޮޅުތަކަށް ކޮށްފައިވާ ޒިޔާރަތްތަކުން ލިބިފައިވާ ކަމަށް އެރިޕޯޓްގައިވެ އެވެ.
ސިއްހީ ދާއިރާގައި ހުރި އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ޝަރުއީ ދާއިރާއާއި އެހެނިހެން ދާއިރާތަކުގައި ހުރި މިބާވަތުގެ މައްސަލަތައް އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.
އެޗްއާރުސީއެމުން މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހޯދާފައިވާ މައުލޫމާތުތަކާއި، އިންސާނީ ހައްގުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމާއަތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ކޮމިޝަނުން އަތޮޅުތަކަށް ކޮށްފައިވާ އެކިއެކި ޒިޔާރަތްތަކުގައި އެއްކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
އ.ދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް މިހާރު ހުށަހަޅާފައިވާ މި ރިޕޯޓުގައި، ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ މުހިއްމު މައްސަލަތަކެއް ފާހަގަކޮށްފައި ވެއެވެ.