ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތް ތަކަށް ދޫކުރާ ޓާޝަރީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 125 ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް ޑިގްރީ އަށް ކިޔެވުމުގެ 75 ފުރުސަތާއި ޑިޕްލޮމާ އަށް ކިޔެވުމަށް ދޭ 50 ފުރުސަތެވެ.
މި ލޯން އެހީގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް މި ފަހަރު ލޯން ދޫކުރަނީ ހަމައެކަނި ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެގޮތުން ރާއްޖެއިން ބޭރުން އަލަށް ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުނަށް ދޭނީ 105 ފުރުސަތު ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ބުނެ އެވެ.
ޓާޝަރީ ލޯނު ސްކީމްގެ ދަށުން، މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް މިފަހަރު ލޯނު ދޫނުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 13 އިން 20 އަށް ހުޅުވައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ.
މި ލޯން އެހީ ލިބޭ ދަރިވަރުން ލޯންގެ ފައިސާ އަބުރާ ސަރުކާރަށް ދައްކަންޖެހޭނީ ކޯސް ނިމޭތާ ހަތް މަހުން ފެށިގެންނެވެ.
މިއީ ޓާޝަރީ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިއަހަރު ލޯން ސްކީމް ދޫކުރާ ތިންވަނަ ފަހަރެވެ.