އަފީފުއްދީން ސްކޫލްގެ ދިވެހި އަދަބީ ފޯވަހި ބާއްވައިފި އެވެ.
އެސްކޫލްގެ ދިވެހި ޖަމިއްޔާ ކަމަށްވާ އަދަބީ ގުލްޒާރުން އިންތިޒާމު ކޮށްފައިވާ މި ފޯވަހީގައި ދިވެހި އަދަބިއްޔާތުގެ ދެ ބައި ކަމަށްވާ ލިޔުންތެރިކަމުގެ ބަޔާއި ކިޔުންތެރިކަމުގެ ބައިން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން އަދަބީ ފޯވަހީގެ ކޯޑިނޭޓަރ މޫސާ މާހިރު ވިދާޅުވީ ކިޔުމުގެ މުބާރާތްތަކުގައި 250-300 ދެމެދުގެ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
މާހިރު ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގުސަދަކަށް ވެފައިވަނީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމާއި ދަރިވަރުން ދިވެހި ބަހާމެދު ފަހުރުވެރި ކުރުވައި ދިވެހި އަދަބިއްޔާތު އާލާކުރުން ކަމުގަ އެވެ.
އަފީފުއްދީންގެ ހަތަރު ހައުސް ކަމަށްވާ ފަރީދީ ހައުސް، ޤާޒީ ހައުސް އަދި މަޖީދީ ހައުސްގެ އިތުރުން އަމީނީ ހައުސްގެ މެދުގައި މުބާރާތެއްގެ އުސޫލުން ކުރިއަށް ގެންދާ މިފޯވަހީގައި ގުރޭޑް 1ން ފެށިގެން 10 ގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ހެނދުނު ކުޅުދުއްފުށީ ކެމްޕަހުގެ ލެކްޗަރާ އަލީ އިސްމާއިލް ހުޅުވައިދެއްވި މި ފޯވަހީގެ ކިޔުމުގެ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ސަމްސީރާ ޒަކަރިއްޔާ އާއި ހދ އޭއީސީގެ ކޮލިފައިޑް ޓީޗަރ އަހުމަދު ހުސެއިންގެ އިތުރުން ހއ. އިހަވަންދޫ ސަމާމަންޒިލް ހުސެއިން ރިހާން އެވެ.
މިއަންނަ ހުކުރު ދުވަހު ނަތީޖާ ފާޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މާހިރު ނިންމާލަމުން ވިދާޅުވި އެވެ.
ފޮޓޯ ގެލެރީ