ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިހުތިޖާޖު ކުރުމުގެ ގޮތުން ކުޅުދުއްފުށީގެ ސްކޫލުތަކުގެ ގިނަ ޓީޗަރުން ކަޅު ހެދުމުގައި މިއަދު ވަޒީފާއަށް ނުކުމެއްޖެ އެވެ.
މިގޮތުން އަފީފުއްދީން ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން މިއަދު ސްކޫލަށް ކިޔަވައިދިނުމަށް ނިކުމެފައިވަނީ ކަޅު ހެދުމުގައި އެވެ. އަދި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ޓީޗަރުން ވެސް މިއަދު ކިޔަވާ ދިނުމަށް ނިކުމެފައިވަނީ ކަޅު ހެދުމުގައިކަން ފާހަގަކުރެވެ އެވެ.
“ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދެއްކި ކުޅުދުއްފުށީ ސްކޫލުތަކުގެ ބައެއް ޓީޗަރުން ބުނެފައިވަނީ ނިސްބަތުން ގިނަ ޓީޗަރުން ކަޅުހެދުމުގެ ސްކޫލުތަކަށް ނިކުމެފައިވީ ނަމަވެސް ބައެއް ޓީޗަރުން ކުލަ ހެދުމުގައި ވަޒީފާއަށް ނިކުމެފައިވާ ކަމަށެވެ.
ކަޅު ހެދުން ލައިގެން ސްކޫލަށް ނުކުތުމަކީ ޓީޗާސް އެސޯސިއޭޝަނުން އިސްނަގައިގެން ކުރާ ކަމެކެވެ. އެކަމުގައި މިއަދު ރާއްޖޭގެ ގިނަ ހިސާބުތަކުން ގިނަ ޓީޗަރުން ބައިވެރިވެފައިވެ އެވެ.
ޓީޗާސް އެސޯސިއޭޝަނުގެ ރައީސް އާތިފް އަބްދުލް ހަކީމް މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ކަޅު ހެދުން ލައިގެން ޓީޗަރުން ނިކުތުމަކީ “ގުގުރާލުމުގެ ކުރިން ވިދާލުމެއް” ކަމަށާއި މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އަންގާރަ ދުވަހު ޓީޗަރުން ކިޔަވައިދިނުމަށް ނުނިކުތުމަށް ނިންމާފައިވާ ކަމަށެވެ.
މިސްޓޭންޑަކީ މުސާރައާއި އިނާޔަތްތައް ހަމަހަމަ އުސޫލަކަށް ގެނައުމަށް ސަރުކާރަށް ބާރުއެޅުމަށް ހިންގާ ހަރަކާތްތެއް ކަމަށާއި މި ސްޓޭންޑަކަށް ބަދަލެއް ނުގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އެ އެސޯސިއޭޝަނާއެކު މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށާއި މަޝްވަރާތަކުގައި އަލިމަގެއް ނުފެނިއްޖެ ނަމަ ކުރިން ރޭވިފައިވާ ގޮތުގެ މަތިން އަންގާރަ ދުވަހު ކިޔަވައިދިނުން ހުއްޓާލާނެ ކަމަށެވެ.
މި އަހަރުގެ އޭޕްރީލް މަހު ވެސް ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ކަޅުހެދުމުގައި ކިޔަވައިދިނުމަށް ނުކުމެފަ އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ ކުރުމަށް ރާވާފައިވާ ހަޅުތާލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވޭ ސުލްހަވެރި ހަޅުތާލެއް ކަމަށް ބެލެވެން ނެތް ކަމަށާއި ޣައިރު ގާނޫނީ ހަޅުތާލެއް ޓީޗަރުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.