ހދ އަތޮޅަށް ފަތުރުވެރިކަމަކީ މިހާރު ވަރަށް މުހިންމުވެފައިވާ ކަމެއް ކަމަށާއި ފަތުރުވެރިކަން ގެނައުމަށްޓަކައި މިނިސްޓްރީތަކާ ވާހަކަ ދެކެވެމުންދާކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒާ އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން މެމްބަރު އަނާރާ ވިދާޅުވީ ހދ އަތޮޅަށް ފަތުރުވެރިކަން މުހިންމުވެފައިވާތީ ފަތުރުވެރިކަން ހދ އަތޮޅަށް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.
އެގޮތުން ވައިކަރަމުރައިދޫގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އޮތް ހިސާބެއް ބެލުމަށް ފިޝަރީޒް މިނިސްޓްރީއާ ބައްދަލުކޮށްފައިވާނެ ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން 2 ފަހަރަށް ޓޫރިޒަމް މިނިސްޓަރ އަދީބްއާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ވައިކަރަމުރައިދޫއަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދަމުންދާ ކަމަށް ވިދާޅުވެފައި ކަމަށް އަނާރާ ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ މަޖިލިސް ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މަޖިލިސްގައި ހދ އަތޮޅު ތަމްސީލްކުރާ ހުރިހާ މެމްބަރުންވެސް މި ކަމަށް މަސައްކަތް ކުރާ ކަމަށާއި އެކި ފަހަރު މަތިން މިނިސްޓަރަށް މަޖިލީސް ތެރެއިން ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީނުވެވާ ސަބަބާ މެދު ސުވާލު އަމާޒުކުރެވިފައިވާ ކަމަށެވެ.
“ޓޫރިޒަމް އެއީ ހދ އަތޮޅަށް ވަރަށް މުހިންމު ކަމެއް އަޅުގަނޑު ދެކޭ ގޮތުގައި. އެހެންވެ އަޅުގަނޑުވެސް މިދަނީ މަސައްކަތްތަކެއް ކުރަމުން.” އަނާރާ ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް 40 އަހަރުވެފައިވާއިރު ހދ އަތޮޅުގައި އެއްވެސް ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާކަން ފާހަގަކޮށްލެވެ އެވެ. ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހދ އަތޮޅުން މީހުން ދިރިއުޅޭ ރަށެއްގެ ބަޔަކާއި، 3 ފަޅުރަށް ކުއްޔަށްދީފައިވާތާ ގިނަ އަހަރުތަކެއްވެފައިވާއިރު މި ރަށްތައް ރިސޯޓެއްގެ ގޮތުގައި އަދިވެސް ވަނީ ތަރައްގީ ނުކުރެވި އެވެ.