އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެވޭނެ މަގު ފަހިކޮށްދެވޭތޯ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މުސާރައިގެ މައްސަލަ ކަމުން އެ މައްސަލަ ހައްލު ކުރުމަށް މުދައްރިސުންގެ މުސާރަ ބޮޑުކުރުމުގެ ޕްލޭނެއް މިހާރު ކަނޑައަޅާފައިވާ ކަަމަށެވެ.
އެހެން ނަމަވެސް ޓީޗަރުންގެ ވަކި ޑިމާންޑަކާ ގުޅިގެން މުސާރަ ބޮޑެއް ނުކުރާނެ ކަމަށާއި އެއީ މިނިސްޓްރީން ކުރާނެ ކަމެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
“މިއީ ވަކި ބަޔަކު ބުނެގެން ކުރާނެ ކަމެއް ނޫން. މިއީ ސަރުކާރުގެ ޝައުގުވެރިކަން އޮވެގެން ކުރާ ކަމެއް،” އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އިއްޔެ އިން ފެށިގެން ޓީޗަރުންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ޓީޗަރުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް އެދެވޭ ހައްލެެއް ލިބިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި އަންގާރަ ދުވަހު ޓީޗަރުންގެ އިހުލާސްތެރިކަން ފެނިގެންދާނެ ކަމަށާއި އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ބޯމަތިވެފައި ވަނިކޮށް ދަރިވަރުންނަށް ގެއްލުމެއް ލިބޭފަދަ ގޮތަކަށް ޓީޗަރުން ކަންތައްތައް ނުކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ވަނީ ގިނަ އަދަދެއްގެ ޓީޗަރުން ކަޅު ހެދުމުގައި ކިޔަވައިދިނުމަށް ނިކުމެފަ އެވެ.