އޯސިސް ޑައިވް ކުލަބް މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށިގައި ފެށި އޯޕަން ވޯޓަރ ކޯހާއި އެޑްވާންސް އޯޕަން ވޯޓަރ ކޯސް ނިންމި ދަރިވަރުންނަށް މިއަދު ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ އޯސިސް ޑައިވް ކުލަބްގެ މެނޭޖާރ އިސްމާއިލް މާހިރެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އިސްމާއިލް މާހިރު ވިދާޅުވީ އޯޕަން ވޯޓަރ ކޯހުގައި ބައިވެރިވި 19 ދަރިވަރުންގެ ތެރެއިން އެޑްވާންސް އޯޕަން ވޯޓަރ ކޯހުގައި ބައިވެރިވެފައި ވަނީ 14 ދަރިވަރުން ކަމަށެވެ. އެގޮތުން ދެކޯހުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
ހެނދުނު އަދި މެންދުރު ފަހު ކޯހުގެ އެކްޓިވިޓީސްތައް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ބޮޑު ތިލައާއި ކުޑަ ތިލައިގެ އިތުރުން ހައުސް ރީފްގަ ކަމަށާއި ތިއަރީ ކްލާސްތައް ކުރިއަށް ގެންދިޔައީ ރޭގަނޑު ކަމަށް އިސްމާއިލް މާހިރު ވިދާޅުވި އެވެ. އޭގެ އިތުރުން ކޯހުގެ ދަރިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
މިކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ ކުރިއަށް އޮތް ތަނުގައި ޑައިވިން ކުރުމުގެ ދާއިރާއިން އިތުރު މަގުތައް ފަހިވެގެން ދާނެކަމަށާއި މިއީ ކުރިއަށް ދާން ރަނގަޅު ދާއިރާއެއްކަމަށް އިސްމާއިލް މާހިރު ވިދާޅުވިއެވެ.
މިކޯހުގައި ދަރިވަރުންނަށް ކިޔަވައިދެއްވާފައި ވަނީ އިސްމާއިލް މާހިރުގެ އުތުރުން އޯސިސް ޑައިވް ކުލަބް މޯލްޑިވްސްގެ ދެބޭފުޅުން ކަމަށްވާ ހަސަން އަޔާޒް އަދި އަލީ ހުސެއިނެވެ.
މި 2 ކޯސް ނިންމި ދަރިވަރެއްކަމަށްވާ އަލީ އިބްރާހިމް ބުނީ މި ކޯހުގެ ސަބަބުން ޑައިވިން ކުރުމާ ބޭހޭގޮތުން ކުރިން ނޭނގޭ މައުލޫމާތުތަކެއް ލިބިގެން ދިޔަކަމަށެވެ.
ކުޅުދުއްފުށީގެ އިތުރުން ށ ކޮމަންޑޫގައި ވެސް މި ކޯސް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށް އިސްމާއިލް މާހިރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ޖެނުއަރީ ހިސާބުގައި ޑައިވް ކޯހުގެ ދެވަނަ ބުރެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.